ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވި ފަހުން ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެފައިވާތީ އެކަމާއި ގުޅިގެން ރައްޔިތުންގެ މަންފާއަށް ދެމުން އައި ސަބްސިޑީތައް ކަނޑާލައި ބޮޑެތި ބަދަލުތައް ގެނައުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފާޑު ވިދާޅުވެއްޖެއެވެ.
ރޭ ކުރިއަށް ގެންދިޔަ ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު އޮތީ ރައްޔިތުންގެ ފަޅީގައި ނޫން ކަމަށާއި ރައްޔިތުންނަށް ހެވެއް އެދޭ ބަޔަކު އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ރައްޔިތުން ބިކަކޮށް ނުލައްވާނެ ކަމަށެވެ.
ހުރިއްޔާ ހުރި ސަބްސިޑީތައް ކަނޑާލީ. މިހާ ދަތި ދުވަސްކޮޅެއްގައި ރައްޔިތުންނަށް ލިބެމުން އައި މަންފާތައް ކަނޑާލީމާ މި ދައްކަނީ މި ސަރުކާރަށް ނެތޭ އެހެން ސަރުކާރުތަކުން ރައްޔިތުންނަށް ފައިސާ ޚަރަދުކޮށްދިންހެން ކޮށްދެވެން. އެހެންވީމަ މި ސަރުކާރު އޮތީ ރައްޔިތުންގެ ފަޅިއަކު ނޫނެއްނުތޯ
މީގެ އިތުރުން، ރައީސް ޔާމީން ވިދާޅުވީ މަސްވެރިންނަށް ތެޔޮ ގަންނަން ދޭ ސަބްސިޑީތައް ކަނޑާލާފައިވާ ކަމަށާއި މިކަމުގެ ސަބަބުން މި ސަރުކާރުން މަސްވެރިންނަށް ބަރާބަރަށް ފައިސާ ނުދެވޭ އިރުގައި އިތުރަށް އެމީހުން ބިކަކޮށްލީ ކަމަށް ރައީސް ޔާމީން ސިފަކުރެއްވިއެވެ.
މިއާއި އެކު އާސަންދަ ލިމިޓްކޮށް ވަކި ބަޔަކަށް ލިބޭ ގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އިގްތިސާދީ ގޮތުން ވެސް ދަތި ދަނޑިވަޅެއްގައި ސަރުކާރުން ނިންމެވި މި ނިންމެވުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އާސަންދައަކީ އެއަކަށް ރައްޔިތުން ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ އެއްޗަކަށް ވާއިރު މިފަދަ ނިންމެވުމުގެ ސަބަބުން ހާލުގައި އުޅޭ ފަރާތްތަކަށް ދެވުނު މިއީ ވަރަށްވެސް ބޮޑު އަނިޔާއެކެވެ.