ރައްޔިތުންނަސް ދަތިވާ ކަންކަން ކުރުމަށް ފަހު އެކަންކަން އޮއްބާ ރައްޔިތުންގެ ހަމްދަރީ ހޯދަން މޮލޭތި ވާހަކަ ދައްކައިގެން ފުއްދާލެވެން ނޯންނާނެ ކަމަށް ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޕޯސްޓެއްގައެވެ.
ކުއްލި ގޮތަކަށް ރާއްޖޭގެ ޓޫރިސްޓް ފެސިލިޓީތަކަށް އަމާޒުކޮށް، އެ ފެސިލިޓީތަކަށް ލިބޭ ޑޮލަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިން އެކައުންޓެއްގައި ބަަހައްޓާ، އަންނަ ކޮންމެ ފަތުރުވެރިއަކަށް ރިސޯޓެއްގައި ނަމަ 500 ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތައް އެމްއެމްއޭއިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލު ނުކުރާނެކަން ރިސޯޓު އޯނަރުންތަކެއް ސަރުކާރަށް އެންމުން އެ ވިޔަފާރިވެރިންނަކީ އަމިއްލަ އެދުން ބޮޑު، ސިޔާސީ ބައެއްގެ ގޮތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ސިފަކުރައްވާފައިވެއެވެ. އަދި ވިދާޅުވެފައިވަނީ ނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިwaށް އޮތް ތާނގައި އިތުރަށް ފެންނާނެކަމަށާ މި ސަރުކާރު ކުރިއަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައިކަމަށެވެ.
ރައީސް މުއިއްޒުގެ މި ވާހަކަފުޅަށް ރައްދު ދެއްވާ ޑރ. ޖަމީލު ވަނީ އެއީ ރައީސް މުއިއްޒު ހީލަތްތެރިކަމުން ދައްކަވާ ވާހަކަފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެގޮތުން ޑރ ޖަމީލު ވަނީ ރައްޔިތުންނަށް ގެއްލުންވާނެހެން ކަންކުރުމަށްފަހު ކޮންމެ ފަހަރަކުވެސް އެކަމުން ބޯދަމައިގަންނަން ރައީސް މުއިއްޒުއާ ސަރުކާރުން ސިމްޕަތީ ސްޓޯރީތަކެއް ޖައްސާކަން ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ އަބަދު އެ ފަދަ ކަންކަން ކުރައްވައިގެން ސަލާމަތްނުވެވޭނެ ކަމަށެވެ.
ރައްޔިތުންގެ ޙައްގު އެންމެ މީހަކަށް ރައްކާތެރިކޮށްދެވޭ ނިޒާމެއް ނޯވޭ. މިހާ ހިސާބަށް ބަޖެޓާއި، އާމްދަނީ ޚަރަދު ކުރީ މަނިކުފާނުގެ އަމިއްލަ މަންފާޢަށް އެކަނި. ރައްޔިތުންނަށް ދިނީ ހުސް ބުހުތާނު ދޮގު ވައުދުތައް. ހުރިހާ ރަށެއްގެ ތަރައްގީގެ މަޝްރޫޢު ހުއްޓިފައި.
— Mohamed Jameel Ahmed (@MJameelAhmed) November 14, 2024
މަޝްވަރާ ކުރެއްވުމުގެ… https://t.co/nchuDro9A5
އެގޮތުން ރައްޔިތުންގެ ޙައްގު އެންމެ މީހަކަށް ރައްކާތެރިކޮށްދެވޭ ނިޒާމެއް ނޯންނަކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ މިހާ ހިސާބަށް ބަޖެޓާއި، އާމްދަނީ ޚަރަދު ކުރީ ރައީސް މުއިއްޒުގެ އަމިއްލަ މަންފާއަށް އެކަނި ކަމަށެވެ. ރައްޔިތުންނަށް ދިނީ ހުސް ބުހުތާނު ދޮގު ވައުދުތައްކަމަށާ ހުރިހާ ރަށެއްގެ ތަރައްގީގެ މަޝްރޫޢުތައް ހުރީ ހުއްޓިފައިކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ މަޝްވަރާ ކުރެއްވުމުގެ ރީތި އުސޫލަކީ އުއްމަތުގެ ނަބިއްޔާ (ޞޢޥ)އާ އަދި އެކަލޭގެފާނުގެ 4 ޚަލީފާއިންވެސް ގެން ގުޅުއްވި ރީތި މިސާލުތައް ކަމަށާ ނަމަވެސް ރައީސް މުއިއްޒު އަދި މާ ބަލިކަށި، ތައުލީމެއް، ތަޖްރިބާއެއް ނެތް ވަޒީރުންތަކަކާއިއެކު އެތައް ތުހުމަތެއް ކުރެވޭ ބޭފުޅަކު އެ ރިވެތި އުސޫލު ޚިޔާރު ނުކުރާ ސަބަބާ މެދު ޑރ ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.
މިއަދު ރައީސް މުއިއްޒުގެ އެއްވެސް އިތުބާރެއް ނެތްކަމަށާ 49 ބިލިއަނުގެ ބަޖެޓްގެ ތެރެއިން އެތައް ބިލިއަނަށް ވީގޮތެއް ނޭނގޭކަމަށް ވެސް ޑރ ޖަމީލު ވަނީ ހާމަކުރައްވާފައެވެ. އަދި ސިޔާސީ ބޭކާރު ޚަރަދުތަކާ ފައިދާއެއް ނެތް ހުސް ދަތުރުތަކަށް ހުއްޓުމެއްނެތްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ ހުރިހާ ސަބްސިޑީއެއް ކަނޑާލާ 65 އަހަރު މީހުންގެ އެލަވްންސް ކަނޑާލާ ސަރުކާރުން ރައްޔިތުން ބިކަކޮށްފިކަމަށެވެ.