ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނާއިބު ރައީސް އަހްމަދު ސަލީމް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް ފޮނުވައިފިއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ މައްސަލައިގެ ނޯޓިސް މިއަދު އަސްލަމް އާއި ސަލީމަށް ފޮނުވާފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، އެ ގަރާރު މަޖިލީހަށް ލިބޭތާ ގިނަވެގެން ތިން ދުވަހުގެ ތެރޭ އެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް އަމީން އާންމު ދޭން ޖެހެ އެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އެ ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ޖަނަވރީ 28 ވީ އާދިއްތަ ދުވަހުއެވެ. އެ މައްސަލައިގައި 23 މެންބަރަކު ސޮއިކޮށްފައިވެއެވެ.
އެގޮތުން ޕީޕީއެމާއި ޕީއެންސީގެ 18 މެންބަރުންގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ ސޮއި ކުރައްވާފައެވެ.
އަސްލަމް އަދި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އެ ދެބޭފުޅުން ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތި ކޮށްފައިވާ ޒިންމާތަކުން ހިލާފުވާ ގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ނިންމުމާ ގުޅިގެންނެވެ.