ރައީސް އަބްދުﷲ ޔާމީން / ޕީޕީއެމް
ސިޔާސީ
ވިޔަފާރިވެރިންނަށް އިހުތިރާމު ކުޑަކޮށް ސަރުކާރުން ވާހަކަ ދައްކާއިރު އެއީ އިގުތިސޯދީގެ އެންމެ ދައުރު ބޮޑު ބޭފުޅުން: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
16 ނޮވެމްބަރު 2024
މާލެ ސިޓީ

ވިޔަފާރިވެރިންނަށް އެހާ އިހުތިރާމު ކުޑަކޮށް މި ސަރުކާރުން ވާހަކަ ދައްކާއިރު އެއީ ދިވެހި އިގުތިސޯދަށް ލިބިފައިވާ ތަނަވަސްކަމުގެ އެންމެ ދައުރު ބޮޑު ބޭފުޅުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޑޮލަރު މާރުކުރުމަށް ސަރުކާރުން ގެންގުޅެނީ ދެކޮޅު ޖެހޭ ސިޔާސަތެއް ނޫން ކަމަށެވެ. ސަރުކާރުން އެ ވަރުގެ ގަވާއިދެއް އެކުލަވާލާ އަމަލު ކުރުމުގެ ކުރިއަށް ބަލަން ޖެހޭ ގިނަ ކަންކަން ބަލާފައި ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު ނުލިބޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެމްއެމްއޭ އިން ތައާރަފްކޮށްފައިވާ އާ ސިޔާސަތުގެ ދަށުން އެކުލަވާފައިވާ ގަވައިދު ހިމެނޭ ކެޓަގަރީ "އޭ" ގައިވާ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކަށް އަންނަ ކޮންމެ ފަތުރުވެރިޔަކު 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ކޮންމެވެސް ބޭންކަކަށް މާރުކުރަންޖެހެ އެވެ. އަދި ކެޓަގަރީ "ބީ"ގައި ހިމެނޭ ގެސްޓް ހައުސްތަކުން ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ރާއްޖޭެ ބޭންކަކަށް ޖަމާކުރަންޖެހެއެވެ.

އެ މީހުންގެ ވިޔަފާރިތަކުން، ވަސީލަތްތައް ބޭނުންކޮށްގެން ކިތައް ދިވެހި ޒުވާނުންނަށް ވަޒީފާ ދީފައި އެ ހުރީ. މި ރިސޯޓުތައް ބަންދުކުރަން ޖެހެއްޖެއްޔާ ސަރުކާރަށް ދެވޭ ހެއްޔެވެ މި ހުރިހާ ޒުވާނުންނަށް ވަޒީފާ. އިތުރު ވަޒީފާ އުފައްދަން އިތުރު ރިސޯޓުތައް ބާޒާރަށް ނެރެން ޖެހޭ އެބަ. މި ވަރު މި ސަރުކާރަށް ނަގައިނުގަނެވޭ،

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، އެ ގަވައިދަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިން ޑޮލަރު މާރުކުރަން ދައުލަތުން ދެނީ ރަސްމީ އަގު ކަމަށާއި ވިޔަފާރިވެރިން ޑޮލަރު މާރުކުރަން ދެކޮޅު ހަދަނީ މާރުކުރުމުގައި އަގު ތަފާތުވާތީ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

ވިޔަފާރިތަކުން ލިބޭ ފައިދާއިން ބޮޑު ޚަރަދެއް ވިޔަފާރިވެރިން އިންވެސްޓުމަންޓަކަށް ކުރަން ޖެހޭ ކަމަށާއި އިންވެސްޓުމަންޓުތަކަށް ލޯނު ފައިސާ ނަގާފައި ހުރީ ދިވެހި ރުފިޔާއިން ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން އެ ލޯނު ދެއްކުމަށް ވެސް ވިޔަފާރިވެރިން ޑޮލަރު ބޭނުންވާކަން ރައީސް ޔާމީން ފަހަގަކުރެއްވި އެވެ.

މިދިޔަ ދިހަ ވަރަކަށް އަހަރު ހަދާފައި ހުރި ރިސޯޓުތަކުން ނަގާފައި ހުރި ލޯނުތަކަށް އަދިވެސް ފައިސާ ދައްކަމުން އަންނަ ކަަން ފާހަގަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ މި ގަވާއިދުގެ ސަބަބުން ވިޔަފާރިވެރިންނަށް ބުރަ ބޮޑުވާ ކަމަށެވެ.

އެމްއެމްއޭގެ މި ނިންމުމަކީ ޓޫރިޒަމް ދާއިރާގެ ގިނަ ވިޔަފާރިވެރިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ނިންމުމެކެވެ. ވަކިން ހާއްސަކޮށް ރިސޯޓް އޯނަރުންގެ ޖަމިއްޔާ -- މަޓީގެ އިސް ބޭފުޅުން އެމްއެމްއޭގެ ނިންމުމާ ދެކޮޅެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved