ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ގިނައީ ވަގުން ކަމަށާއި އެއީ ބައި އަޅައިގެން ވައްކަންކުރި މީހުން ކަމަށް ވަކީލު، އުސްތާޒް އާދަމް އާސިފް ވިދާޅުވެއްޖެ އެވެ.
އާސިފް އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ "ގިލަންވެރިކަމުގެ 1 އަހަރު" ކަވަރޭޖްގައި ވާހަކަދައްކަވަމުންނެވެ.
އާސިފް ވިދާޅުވި ރައީސް މުއިއްޒުގެ އަރިހުގައި މިހާރު ތިއްބެވި ގިނަ ބޭފުޅުންގެ ތެރޭގައި އެކި ދުވަސްވަރު އެ މަނިކުފާނާއި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނޭ ކަމަށެވެ.
އެއީ އެއްވެސް ވަރަކަށް އިއްތިފާގެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް އާސިފް ވިދާޅުވި އެވެ. އެއީ ރޭވުންތެރިކަމާއި އެކު ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ސިޓީ ކައުންސިލްގެ މަގާމުތަކުގައި އަރިހުގައި ކޮންސަލްޓެންޓުންގެ ގޮތުގައި ކުރިން ތިއްބެވި ބޭފުޅުން މިހާރު ތިއްބެވީ ރައީސް އޮފީހުގެ އަރިސް މަގާމުތަކުގައި ކަމަށް ފާހަގަކުރައްވާ އާސިފް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.
އަދި އޭރު ރައީސް މުއިއްޒު އާއި މިފަދަ ބޭބޭފުޅުންނާއި އެކުގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާ ކަމަށާއި އެކަމުގެ ހެކި އެބަހުރިކަމަށް ވެސް އާސިފް ވަނީ ވިދާޅުވެފަ އެވެ.
އެ މަނިކުފާނުގެ ރޯލް މޮޑެލް އެއް ގޮތަށް އެ ބަލަނީ އަބްދުއްރަހީމް. އަބްދުއްރަހީމަކީ ވައްކަމުގެ އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ދެ މައްސަލަ ސާބިތުވެ އަރުވާވެސް ލި ބ.މާޅޮހަށް. އެ ނަގާ ހިސާބުން ވެސް އެނގޭ ނޫންތޯ. އަބްދުއްރަހީމްގެ ފަރާތުން މިސާލު ނަގަންވީ ކީއްވެތޯ؟
އާސިފް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވެރިކަން އެތައް ބޭފުޅުން ކުރައްވާ ދިގު މާޒީއެއް ވެރިކަމުގައި އޮތް އިރު، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާހާ "ހުތުރު" ކަންކަން ކުރެއްވި ވެރިއަކު ރާއްޖެ ދެކެފައި ނުވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދާނެ ޖާގަ ތަނަވަސްވެގެން ދާކަން ވެސް އާސިފް ފާހަގަކުރެއްވި އެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ އާސިފްގެ އެ ވާހަކަތަކަށް ތާއީދުކުރައްވާ ވާހަކަދައްކަވާފަ އެވެ. އާޒިމް ވަނީ އަރިހުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭބޭފުޅުން ދުރަށް ދިޔަ ނުދިނުމަށް ރައީސް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް އަބަދު ކަންކަން ސިއްރުކޮށްގެން ރައީސް މުއިއްޒު އަށް ވެސް ނުހުންނެވޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.