ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، ޑޮލަރުގެ ދަތިކަން ކުރިމަތިވެފައި އޮތީ ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ގާނޫނު އުވާނުލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވާ ޕީއެންއެފްގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ ކަންކަން ނުކުރެވިގެން އުޅެނީ ޓޫރިޒަމް އިންޑަސްޓްރީން ފައިސާ ނުލިބިގެން ކަމަށް ސަރުކާރުން ދައްކަން އުޅެނީ ކީއްވެގެންތޯ ވިދާޅުވެ ރައީސް ޔާމީން ރޭ ސަރުކާރަށް ސުވާލު ކުރެއްވި އެވެ.
ރައްޔިތުންނަށް ބުނެދޭން މި ބޭނުންވަނީ ރައްޔިތުންގެ ކަންތައްތައް ކުރަން ޑޮލަރު ނެތީއޭ. އެހެންވީމާ ރައްޔިތުން އަހަންވީނޫންތޯ؟ ދައުލަތަށް މި އަހަރު ވަތް ޑޮލަރުން ރައްޔިތުންގެ ބޭނުމަށް ހަރަދުކުރީ ކިހާވަރެއްތޯ؟ މުއިއްޒުގެ ދަތުރުފުޅުތަކަށް ހަރަދުކުރީ ކިހާވަރެއްތޯ. ދެން ރިކަރަންޓް އެހެން ހަރަދުތަކަށް ޑޮލަރުން ހަރަދުކުރީ ކިހާވަރެއްތޯ
ރައީސް ޔާމީން ވިދާޅުވީ ޑޮލަރު މާރުކުރުމަށް މަޖްބޫރުކޮށް އެކަމުގެ ތެރެއިން އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން ސަރުކާރުން ވަނީ ނާޖާއިޒު ފައިދާ ރައްޔިތުންނާ ވިޔަފާރިވެރިން ޖައްސާފައި ކަމަށެވެ.
އެ ގޮތުން ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ބޮޑެތި ވަފުދުތަކާއެކު ބޭރު ގައުމުތަކަށް ވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ހަރަދުތަކާ ގުޅިގެން ޔާމީންވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ދަތުރު ދަތުރުތަކުގެ ނަތީޖާ އަކީ ސުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، ޑޮލަރުގެ ދަތިކަން ކުރިމަތިވެފައި އޮތީ ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ
މަރުކަޒީ ބޭންކުން މިދިޔަ މަހު އާންމުކުރި ގަވާއިދުގައިވާ ގޮތުން، ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓާއި ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި ރިސޯޓު ހޮޓަލާއި ސިޓީ ހޮޓާ ފަދަ ތަންތަނުން އެ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަަކަށް 500 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ. އަދި 50 އެނދަށްވުރެ މަދު އެނދު ހުންނަ ގެސްޓުހައުސްތަކުން ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ.
ނަމަވެސް އެ ގަވާއިދަށް އަމަލު ކުރަން ދަތި ވާހަކަ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) އާއި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) ވަނީ ހިމެނޭހެން ގިނަ ރިސޯޓްތަކުގެ ވެރިން ވަނީ އެމްއެމްއޭ އަށް އަންގަވައިފަ އެވެ.
މީގެ ބާރަ މަސްކުރިން ބާޒާރުގައި، ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި ހުރީ 17ރ. އަށެވެ. ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރާ އެކި ރޭޓުތައް ކުއްލިއަކަށް ވަނީ އިތުރަށް އުފުލެން ފަށައިފަ އެވެ. މިހާރު އަގުތައް ހުރީ 19.50 އާއި 20.00 ރުފިޔާއާ ދެމެދުގަ އެވެ. އަދި ބައެއް ބްލެކް މާކެޓް އޮންލައިން ޕޭޖްތަކުން އަންނަނީ 20.10ރ. އަށްވެސް ޑޮލަރު ވިއްކަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައި އެވެ. އަދި ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ސަރުކާރަށް އަހަރެއް ވީއިރު ރައީސް މުއިއްޒު އެ ވިދާޅުވާ ހާލަތު އަދި އުފަން ނުވެ އެވެ. ޑޮލަރުގެ އަގު ހެޔޮނުވެ ފަތުއަޑު ކިޔައިފާ ދަނީ ބޮޑު ވަމުން ނެވެ.