މުއިއްޒު މެންބަރުންނަށް ކުރި އިތުބާރު ގެއްލި، ގާނޫނު އަސާސީ ބަދަލު ކުރަނީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފި ނަމަ، މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރު ހިންގާ ޕީއެންސީން މިއަދު ނިންމައިފި އެވެ.
އެންޓި ޑިފެކްޝަން ގާނޫނު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޭޕްރީލްގަ އެވެ. އެ ބިލަކީ މަޖިލީހުގެ މެންބަރުން ގަނެވިއްކުން ހުއްޓުވުމުގެ ބޭނުމުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން މިދިޔަ ފެބްރުއަރީ މަސް ތެރޭ ހުށަހަޅާފައިވާ ބިލެކެވެ.
ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވުމަށް ފަހު ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ހަދާފައިވާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާތަކެއް ބާތިލުކުރަން ހައި ކޯޓަށް މިފަހުން އަމިއްލަ މީހަކު ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
މިއާއެކު ކޯޓުގެ ނިންމުން އަންނަ ގޮތަކުން މެންބަރުން "މިނިވަންވެ" މުއިއްޒު އާއި އަބްދުއްރާހީމް ދޫކޮށްލަ ފާނެ ކަމަށް ބަލާ، މިއަދު ސަރުކާރުން ނިންމާފައިވަނީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ވީ އެންމެ އަވަހަކަށް އިސްލާހުކުރުމަށެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުން ބޭނުންވަނީ މާދަމާ ހުށަހަޅައި، ގާނޫނުއަސާސީ އިސްލާހުކުރުން ވީ އެންމެ އަވަހަކަށް ނިންމާ މެންބަރު "ތަޅު" އެޅުވުމަށެވެ.
މިދިޔަ 19 ވަނަ މަޖިލީހުގެ ފަހުކޮޅު ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު މިހާރު އޮންނަ ގޮތުން ތިން ހާލަތެއްގައި ގޮނޑި ގެއްލޭނެ އެވެ. އެއީ؛
އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުން
އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުން (ޕާޓީ ބަދަލުކުރުން)
އަމިއްލަގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުން
އެ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު "މެންބަރުކަމުން އިސްތިއުފާ ދޭންވާނެ" ކަމަށް ގާނޫނުގައި ބުނެ އެވެ. އިހުތިޔާރީ ކަމެއްގެ ގޮތުގައި އެ އިިބާރާތް ލިޔެފައި ވާއިރު، އިސްތިއުފާ ނުދީފި ނަމަ އަމަލު ކުރާނެ ގޮތެއް ބަޔާންކޮށްފައެެއް ނުވެ އެވެ.