ރައީސް ޔާމީން / ޕީޕީއެމް
ހަބަރު, ވިޔަފާރި
ވިޔަފާރިތަކުން ދައުލަތަށް ނަގާ ފައިސާ ނަގަން ވާނީ ޓެކްސް ގޮތަށް ގާނޫނުގެ ތެރެއިން: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
21 ނޮވެމްބަރު 2024
މާލެ ސިޓީ

މިދިޔަ އޮކްޓޯބަރު މަހު އެއް ވަނަ ދުވަހު އަމަލުކުރަން ފެށި "ބޭރު ފައިސާއާ ބެހޭ" ގަވައިދާ ޓޫރިޒަމްގެ ފަރާތްތަކުން ދެކޮޅު ހަދައި އަމަލުކުރެވެން ނެތްކަން މަރުކަޒީ ބޭންކް، އެމްއެމްއޭއަށް އަންގަމުންދާއިރު، އިގްތިސޯދީ ދާއިރާގެ ގާނޫނީ ވަކީލުން ވެސް އެ ގަވައިދުގެ ސައްހަ ކަމާ މެދު އަދި ތަންފީޒުވެދާނެ ކަމާއިމެދު ބޮޑެތި ސުވާލުތަކެއް އަންނަނީ ކުރިމަތި ވަމުންނެވެ.

މި ކަމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ވަރަށް ގިނަ ފޯރަމްތަކުގައި ވާހަކަ ދައްކަވަމުން ނެވެ. މި ގަވާއިދުގެ ސަބަބުން ވިޔަފާރިވެރިންނަށް ވާނެ ގެއްލުންތަކާއި އަދި ސަރުކާރުން މި ގަވާއިދުގެ ދިފާއުގައި ދައްކަވާ ވާހަކަތަކުގެ ދެފުށް ބުނެދެއްވަމުން ނެވެ.

ޗެނަލް13އަށް މިފަހުން ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ އާންމު ފަރުދުން ވިޔަފާރިކޮށްގެން ހޯދާ އާމްދަނީން، ޓެކްސް ދައްކާ ދައުލަތަށް އަދާކުރަން ޖެހޭ މާލީ ޒިންމާތައް އަދާކުރުމަށް ފަހު ދެން ބާކީ ހުންނަ އެއްޗަކީ އެބައެއްގެ އަމިއްލަ މިލްކެއް ކަމަށެވެ. އަދި އެއާ މެދު އަމަލު ކުރާނެ ގޮތް އެނގޭނީ އެބަޔަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމްއެމްއޭއަށް ހެދިދާނެ ފަދަ ގަވައިދެއް ވެސް ނޫން މިއީ. ވިޔަފާރިތަކުން ދައުލަތަށް ނަގާ ފައިސާ ނަގަން ވާނީ ޓެކްސް ގޮތަށް ގާނޫނުގެ ތެރެއިން،

- ރައީސް ޔާމީން

ޔާމީން ވިދާޅުވީ ޑޮލަރު މާރުކުރުމަށް ސަރުކާރުން ގެންގުޅެނީ ދެކޮޅު ޖެހޭ ސިޔާސަތެއް ނޫން ކަމަށެވެ. ސަރުކާރުން އެ ވަރުގެ ގަވާއިދެއް އެކުލަވާލާ އަމަލު ކުރުމުގެ ކުރިއަށް ބަލަން ޖެހޭ ގިނަ ކަންކަން ބަލާފައި ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އަދި މިހާރު ކަންކަން ކުރާ ގޮތުން މާލީ ނިޒާމާއި ބޭންކިން ނިޒާމަށް ވެސް އިތުބާރު ކުޑަވާނޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަކީ ޓޫރިޒަމް ސިނާއަތުގެ ކަމަކަށް ވެގެން ނުވާނޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެކަމުގައި ޓޫރިޒަމް ސިނާއަތް ގޯސްކޮށް އެ މީހުން ޒިންމާވާން ޖެހޭ ކަމަކަށް ހަދައިގެން ނުވާނޭ ކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ޓޫރިޒަމް ސިނާއަތަށް ކަންކަން ފަހިކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ.

ޑޮލަރު މަދުވެގެން މި އުޅެނީ ސަރުކާރުގެ ހަރަދު ބޮޑުވެގެން. އެމްއެމްއޭގެ ޒިންމާއަކީ ސަރުކާރުގައި މި ވާހަކަ ބުނުން،

- ރައީސް ޔާމީން

ސަރުކާރަށް އެއް އަހަރު ވެގެން ދިޔައިރު ޑޮލަރުގެ މައްސަލަ ހައްލުކުރަން ސަރުކާރު ފެއިލްވެފައި ވަނީ ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ނާގާބިލްކަމުން އެކަން ކުރަން ނޭނގިގެންނެވެ. ކޮންމެ ސަރުކާރެއް ވެސް ނިމިގެން ދާއިރު ބޮޑެތި ދަރަނިތައް އޮންނަކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ޑޮލަރުގެ ތާށިކަން ކުރިމަތިވީ ދަރަނި ދައްކަން ޖެހިގެން ނޫން ކަމަށެވެ.

ރިސޯޓުތަކާއި މަދުވެގެން 50 ކޮޓަރީގެ ޓުއަރިސްޓު ހޮޓާތަކުން ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު މާރުކުރަން އޮތް ގަވާއިދަށް އަމަލުނުކުރެވޭނެކަން 70 އަށް ވުރެ ގިނަ ރިސޯޓުން މިހާރުވަނީ އެމްއެމްއޭއަށް އަންގައިފަ އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކޮށް އިހުލާސްތެރި ނިޔަތަކާ އެކު ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކާ އެކު ވެސް ސަރުކާރުން މަޝްވަރާއަށް އިށީނުމަށް ވެސް ރައީސް ޔާމީން މި ސަރުކާރަށް ގޮވާލެއްވި އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved