ރައީސް އަބްދުﷲ ޔާމީންގެ ގައުމީ ފިކުރު ފަކުރުކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް "ދިވެހީންގެ ރާއްޖެ" ޝިއާރު ބޭނުން ނުކުރެވޭނެ ކަމަށާއި ސަރުކާރުން މި ޝިއާރު ބޭނުން ކުރުން ހުއްޓާލުމަށް ރައީސް ޔާމީން އުފައްދަވާ ޕާޓީ، ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލް ގޮވަލައިފިއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހު ޕީއެންއެފުން ބޭއްވި ފްރޮންޓް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ދިވެހިންގެ ރާއްޖެ" އަކީ ވަތަނީ، ގައުމީ އަދި ދީނީ ފިކުރެއްގެ މައްޗަށް ބިނާ ވެގެން ރައީސް ޔާމީން އުފައްދަވާފައިވާ އެއްޗެއް ކަމަށާއި އަދި ޑރ މުއިއްޒުއަކަށް ވެސް އަދި އަބްދުއްރަހީމް އަކަށް ވެސް އެ ޝިއާރެއް ބޭނުން ނުކުރެވޭނެ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރަކަށް ޑރ މުއިއްޒު އަކަށް "ދިވެހީންގެ ރާއްޖެ" މި ޝިއާރު ބޭނުމެއް ނުކުރެވޭނެ. އަޅުގަނޑު މިރޭ މި ޕޯޑިއަމް މަތިން ގޮވާލަން "ދިވެހީންގެ ރާއްޖެ" މި ޝިއާރު ބޭނުން ކުރުން މި ސަރުކާރުން ހުއްޓަލުމަށް. އެއީ ރައީސް ޔާމީންގެ ބުރޭންޑެއް، ރައީސް ޔާމީން ދިވެހި ރާއްޖޭގެ ޒައާމަތާ ހަވާލު ވުމަށްޓަކައި މިފަހަރު ކެމްޕޭން ފެއްޓެވި އެމަނިކުފާނު އެޕްރޫވް ކުރައްވާ އެމަނިކުފާނުގެ އައިޑިއާ. ދިވެހިންގެ ރާއްޖެ އަކީ ވަތަނީ، ގައުމީ، ދީނީ ފިކުރެއްގެ މައްޗަށް އެ އަސާސު މައްޗަށް ބިނާވެގެން އެމަނިކުފާނު އުފައްދަވާފައިވާ އެމަނިކުފާނުގެ ބުރޭންޑެއް ޑރ މުއިއްޒެއް އަބްދުއްރަހީމެއް މި ސަރުކާރަކަށް އެ ލޯގޯއެއް އެ ސްލޯގަންއެއް ބޭނުމެއް ނުކުރެވޭނެ
މީގެ އިތުރުން މަލީހު ވިދާޅުވީ ދިވެހި ރައްޔިތުން ވޯޓު ދެއްވީ ރައީސް ޔާމީންގެ ފިކުރަށާ އެމަނިކުފާނު މިނިވަންކުރުމަށް ކަމަށެވެ. އަދި އެ ހަގީގަތެއް އޮޅުވާ ނުލެވޭނެ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މަލީހު ވަނީ ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވާލާފައެވެ.