ވެރިކަން ކުރާ ޕާޓިގެ ސުޕަރ މެޖޯރިޓީގައި މަޖިލީހުގައި އޮތަތީ އެކަމުގެ ނާޖާއިޒު ފައިދާ ހަތް ގަޑިއިރު ތެރޭ ގާނޫނު އަސާސީއަށް ގެނައި ބަދަލުގައި ސައްހަކަމެއް އޮތްތޯ ބަލަން ސުޕްރީމު ކޯޓަށް މައްސަލަ ވައްދަން ގޮވާލައިފިއެވެ.
މިފަދައިން ގޮވާލާފައިވަނީ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ބުދަ ދުވަހު، މަޖިލީސް މެންބަރުން އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ގޮނޑި ގެއްލުމާއި، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެމްބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަން މިއަދު ނިންމި ނިންމުމަކީ ރައްޔިތުންގެ ބާރު މުޅިން ނިގުޅައިގަންނަ ފަދަ ބަދަލެއްގެ ގޮތުގައި ފާރިސް ސިފަކުރައްވާފައިވެއެވެ.
ފާރިސް ވަނީ މެންބަރުންގެ ގޮނޑި ގެއްލޭނެ ވަކި ހާލަތްތަކެއް ކަނޑައަޅާ ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ މަޖްލީސް މެމްބަރަކު އިންތިހާބުވުމަށް ފަހު ދާއިރާގެ ރައްޔިތުންނާއި އެ މެމްބަރަކާ ދެމެދު އޮންނަން ޖެހޭ ގުޅުން އެއްކޮށް ކަނޑުވާލާ، ރައްޔިތުންގެ ބާރު މުޅިން ނިގުޅައިގަންނަ ބަދަލެއްގެ ގޮތުގަވެސް ސިފަކުރައްވާފައެވެ.
މި ބަދަލަކީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ހ އާ ކަނޑައެޅިގެން ފުށުއަރާ ބަދަލެއްކަން ފާހަގަކުރައްވާ ފާރިސް ވަނީ މި ބަދަލުގެ ގާނޫނީ ސައްހަ ކަމާމެދު ގޮތެއް ނިންމުމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ބާ ކައުންސިލަށާއި ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ގާނޫނީ ވަކީލުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޤާނޫނު އަސާސީއަށް ގެންނަން ހުށަހަޅާފައިވާ ބަދަލަކީ މަޖްލީސް މެންބަރަކު އިންތިޚާބުވުމަށްފަހު، ދާއިރާގެ ރައްޔިތުންނާއި އެ މެންބަރަކާ ދެމެދު އޮންނަންޖެހޭ ގުޅުން އެއްކޮށް ކަނޑުވާލާ، ރައްޔިތުންގެ ބާރު މުޅިން ނިގުޅައިގަންނަ ބަދަލެއް.
— faris 🇲🇻 🇵🇸 (@afarismaumoon) November 20, 2024
މި ބަދަލަކީ ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ) އާ… https://t.co/8nf4bVlnEw
މަޖިލީހަށް ތައާރަފް ކުރި ބިލުގެ ބަހުސް ނިންމައި، މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވުމަށްފަހު އެންމެ ދޮޅުގަޑިއިރުތެރޭ ބިލް ފާސްކޮށް މަޖިލީހުގެ އިތުރު ޖަލްސާއެއް ބުދަ ދުވަހު ހަވީރު ބާއްވާ ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށްގެން އަވަސް އަރުވާލައިގެން ބިލްފާސްކުރީ އެކަންކަމާމެދު ބާ ކައުންސިލުން ދެކޭ ގޮތުގެ ހިލާޔާއި މަޝްވަރާ އަރުވަން ފުރުސަތަކަށް އެދިފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
މި ބަދަލަކީ ރައީސް މުއިއްޒުގެ ވެރިކަން މަޖިލީހުގެ ތެެރއިން ނޯ ކޮންފިޑެންސް ނަގައިގެން ބަދަލުކުރުމަށް މަސައކްަތްކުރަމުންދާ ކަމަށް ތުހުމަތުކޮށް ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް ގެނައި ބަދަލެއް ކަމަށް އަޑުތައް ގަދަވެފައިވެއެވެ.