ގާނޫނު އަސާސީ އަށް އިސްލާހު ގެނައީ ސިޔާދަތު ގެއްލޭ ގޮތަށް: ކުރީގެ އުއްތަމަ ފަނޑިޔާރު / ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ހަބަރު
ގާނޫނު އަސާސީ އަށް އިސްލާހު ގެނައީ ސިޔާދަތު ގެއްލޭ ގޮތަށް: ކުރީގެ އުއްތަމަ ފަނޑިޔާރު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 ނޮވެމްބަރު 2024
މާލެ ސިޓީ

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް މިފަހުން ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާއިން ކަށަވަރުކޮށްދޭ ރައްޔިތުންގެ ބާރު ގެއްލޭގޮތަށް ފަރުމާ ކޮށްފައި އޮތް އިސްލާހެއް ކަަމަށް ވާތީ އެ އިސްލާހަށް ގާނޫނީ ބާރުވެރިކަން ނުލިބޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައި، ނިމުނު ބުދަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. އަދި ހަމަ އެދުވަހު ރައީސް އެ ބިލް ތަސްދީގު ކުރެއްވުމާއެކު އިސްލާހަށް އަމަލުވެސް ކުރަން ވަނީ ފަށައިފަ އެވެ.

އެ އިސްލާހާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުﷲ ދީދީ ވިދާޅުވީ އެ އިސްލާހުގައި "އެންޓި ޑިފެކްޝަން"އާ ގުޅޭގޮތުން ހިމަނައިފައިވާ އިބާރާތަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ "ރައްޔިތުންގެ ބާރު" ނުވަތަ" ނުވަތަ "ރައްޔިތުންގެ ސިޔާދަތު" ގެއްލޭގޮތަށް ފަރުމާކޮށްފައިވާ ލިޔުމެއް ކަމަށެވެ.

އެއީ ރައްޔިތުންގެ ސިޔާދަތުގެ އުސޫލާ ހިލާފު ކަމެއްގެ ގޮތުގައި ސިފަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެ އުސޫލާ ޚިލާފުވާ ގޮތަށް ގެންނަ ބަދަލެއް ގާނޫނީ ގޮތުން ބަލައި ނުގަނެވޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ފަދަ ރިޔާސީ ނިޒާމެއްގައި ސަރުކާރު އުފަންވަނީ ރައްޔިތުންގެ މަޖިލީހުން ކަމުގައި ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި ސަރުކާރުގެ ވުޖޫދާއި އަދި ދެމި އޮތުމާއި ދެމެދު އޮންނަންޖެހޭ އެއްވެެސް ދުސްތޫރީ ގުޅުމެއް ނެތްއިރު، ދިވެހިރާއްޖޭގައި އެންޓި ޑިފެކްޝަން ގެ އުސޫލުތަކެއް މި ގެނެވުނު ދުސްތޫރީ އިސްލާހުގައި ބަޔާން ކުރެވިފައިވާ ގޮތަށް، ކަނޑައެޅިގެން ދިޔުމުން ރައްޔިތުންގެ މަޖިލީހަކީ އެ މަޖިލީހާ ގާނޫނުއަސާސީން މަތިކޮށްފައިވާ އިހުތިސާސްތައް ފުރިހަމައަށް އަދާކުރާ ބާރެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އައިސް އެ މަޖިލިސް "ޑިސްފަންކްޝަނަލް" ބާރަކަށް ބަދަލުވެގެން ދިޔުމުގެ އިހުތިމާލު ވަރަށް ވެސް ބޮޑެވެ.

- އަބްދުﷲ ދީދީ

އޭގެ އިތުރަށް އަހްމަދު ވިދާޅުވީ އާންމު އުސޫލުތަކާ ހިލާފަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ތަހުޒީބު މުޖުތަމައެއްގައި ކަންކަން ހިނގައިވާނެ ގޮތެއް ނޫންްކަމަށެވެ. އަދި އިއްޔެ އެ އިސްލާހުތައް ބެސްޓް ޕްރެކްޓިސްއާ ހިލާފަށް އަވަސް އަރުވާލައިގެން އެއް ދުވަސް ތެރޭ ބަހުސް ނިންމައި އިސްލާހު ގެނައުމަކީ "ނޭދެވޭ ނުފޫޒުފައި ޖެހުން ފިޔަަވައި އެހެން އެއްވެސް ޒަރޫރުތެއް އޮވެގެން ކަމަށް" ގަބޫލުނުކުރެއްވޭ ކަމަށެވެ.

ޑރ.އަހްމަދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން އިތުރުކޮށް ޑައިރެކްޓް ޑިމޮކްރަސީގެ އުސޫލުތައް އިތުރުކުރުމަށް ރައްޔިތުންގެ ބާރު ކަށަވަރުކުރުމުގެ ގޮތުން "ރިކޯލް ރިފަރަންޑަމް" ދާއިރާތަކުގެ ރައްޔިތުންނަށް ލިބިދޭނެ އިސްލާހެއް ގާނޫނު އަސާސީއަށް ގެނައުން މުހިއްމު ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގައި "ޑައިރެކްޓް ޑިމޮކްރަސީ" އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ބާރު ކަށަވަރުކުރުމުގެ ގޮތުން "ރިކޯލް ރެފްރެންޑަމް" ތައާރަފްކޮށް އިންތިޚާބީ މެންބަރުން ވަކިކުރުމުގެ ބާރު އިންތިޚާބީ ދާއިރާގެ ރައްޔިތުންނަށް ލިބިދިނުމާއެކު، ގާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ މުހިއްމުކަން މިހާރުވަނީ އިތުރުވެފައި،

- 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ޖޫން 27އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ދީދީ

އެ އިސްލާހުތައް ފާސްކުރި ގޮތުން ޕީއެންސީގެ ބައެއް މެންބަރުން ހިމެނޭ ގޮތަށް، ސަރުކާރަށް ވަނީ ފާޑުކިޔައިފައެވެ. އެގޮތުން، އެމްޑީޕީން ވަނީ އެއީ ގާނޫނުއަސާސީގެ މައިގަނޑު އަސާސްތަކާ ފުށުއަރާ ގޮތަށް ފާސްކޮށްފައިވާ އިސްލާހުތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. އަދި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ގޮވައިލައްވައިފަ އެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް ވަނީ އެ އިސްލާހު ގެނައުމުގެ ބިލު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްކޮށް ތަސްދީގުކުރެއްވީ ރިކޯޑު ސްޕީޑެއްގައިތޯ ސުވާލު އުފައްދަވައިފި އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved