ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި އެންމެ ބޮޑަށް ވިއްސާރައިގެ އަސަރު ކުރާނީ މެދު ރާއްޖެތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ކަމަށެވެ. ޖުމްލަކޮށް މުޅި ރާއްޖެއަށް އަދިވެސް ވިއްސާރަ ކުރާނެ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
މެޓު އޮފީހުން ހާމަކުރި ގޮތުގައި އެއް ދުވަހަށް މޫސުން ރަގަޅުވި ކަމަށް ދެއްކި ނަމަވެސް ވިއްސާރަ އެއްކޮށް ސާފުވެގެން ނުދާނެކަމަށެވެ.
މީގެއިތުރުން، މެޓުން ބުނީ، މެދު ރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކަށް އިރުދެކުނާ ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާ 20 މޭލު ބާރު މިނުގައި ކަމަށެވެ.
ވިލާގަނޑުގައި 35 މޭލަށް ހުރިހާ ސަރަހައްދަކަށް ވެސް ވައިގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.
ކަނޑުތައް އާދައިގެ ވަރަށް ގަދަކޮށް އުޅެނީ ދެކުނުގެ އަތޮޅުތަކަށް ކަމަށާއި މެދު ރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ބުނެއެވެ. އެކަމަކު، ވިލާގަނޑުގައި ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
އެއާއެކު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ދެމެދުގައި ހުންނާނެ ކަމަށާއި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅު ގެ އުސްމިން ހުންނާނީ ދެ ފޫޓާ ހަތަރު ފޫޓާ ދެމެދުގައި ކަމަށް އެ އިދާރާއިން ބުނެއެވެ.