March 9, 2026
Advertisement
ސްރީލަންކަން އެއާލައިންގެ ބޯޓެއް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި.
ސްރީލަންކަން އެއާލައިންގެ ބޯޓެއް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި. / މިހާރު

ސަރުކާރުން އެއާޕޯޓް ޓެކްސްތައް ބޮޑުކުރުމުން ވައިގެ އުދުހުންތަކުގެ ޓިކެޓް އަގުބޮޑު ވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 23, 2024, 07:48 PM
މާލެ ސިޓީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވިއައިއޭ) ބޭނުންކުރާ މީހުންގެ އަތުން މިހާރު ނަގަމުން އަންނަ ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ނިންމުމުން ބޭރު އެއާލައިންތަކުން ވިއްކާ ޓިކެޓްގެ އަގުތައް ބޮޑުކުރަން ފަށައިފި އެވެ.

Advertisement

އެއާޕޯޓުން ފުރާ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކަކީ:

  • އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން
  • ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން
  • ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން
  • ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން، އެއީ ކުރިން ނަގަމުން އައި އަދަދަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ.

ސްރީ ލަންކާ އެއާލައިންސްގެ ރާއްޖޭގެ އޭޖެންޓް އޭސް އޭވިއޭޝަން ސާވިސް މޯލްޑިވްސް އިން ބުނީ އެއާޕޯޓް ޓެކްސް އަށް ގެނައި ބަދަލާ އެކީ ދެ އެއާޕޯޓުން ވެސް ކުރާ ދަތުރުތަކުގެ އަގު އަންނަ މަހުގެ 1 އިން ފެށިގެންް ބޮޑުވާނެ ކަމަށެވެ. އެގޮތުން ގަން އެއާޕޯޓުން ފުރާ ބޭރު މީހުންނަަށް އިކޮނޮމީ ކްލާހުގެ ޓިކެޓެއް އަންނަ މަހުގެ 1 އިން ފެށިގެން ވިއްކާނީ 50 ޑޮލަރުގެ ޓެކްސް ހިމަނައިގެންނެވެ. އެއީ ޓެކްހަށް ގެނައި ބަދަލާ އެކީ އިތުރުކުރި 20 ޑޮލަރާ އެކީގަ އެވެ.

އަދި ގަމުން ދިވެހިންނާއި ބޭރު މީހުންނަށް ވެސް ބިޒްނެސް ކްލާހުގެ ޓިކެޓެއް ވިއްކާނީ އަންނަ މަހުގެ 1 އިން ފެށިގެން 120 ޑޮލަރުގެ ޓެކްސް ހިމަނައިގެންނެވެ. އެއީ އިތުރުކުރި 60 ޑޮލަރާ އެކީގަ އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ސްރީ ލަންކާގެ ކޮލަމްބޯއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ލަންކާ އެއާލައިނުން ދަތުރުކުރެ އެވެ.

އިންޑިއާ މަގުން ރާއްޖެއަށް ދަތުރުކުރާ ބަޖެޓް އެއާލައިން ތަކުން ވެސް މިހާރުވަނީ ރާއްޖެއަށް އެ މީހުންގެ އެއާލައިންތަކުން ކުރާ ދަތުރުތަކުގެ އަގު ބޮޑުކޮށްފަ އެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި އެއާޕޯޓް ޓެކްސް ބޮޑުކުރުމުން 1.6 ބިލިއަން ރުފިޔާގެ އިތުރު އާމްދަނީ ދައުލަތަށް ލިބޭނެ އެވެ. ނަމަވެސް ހައްދެއްނެތި ޓޫރިޒަމް ސިނާއަތަށް އަމާޒުކޮށް ސަރުކާރުން ޓެކްސްތައް ބޮޑުކުރުމުން ރާއްޖެ އަށް ފަތުރުވެރިން އުފުލާ އެއާލައިންތަކުގެ ޓިކެޓްގެ އަގުވެސް ބޮޑުވެ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން މަދުވުމުގެ ފުރުސަތު އޮތް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved