ރާއްޖޭ ސަރަހައްދުގައި ދެ ކޮޅިގަނޑު އުފެދި ކުރިއަށް ފަސް ދުވަހަށް ވެސް ވައި ބާރުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިރުން ބޭ އޮފް ބޭންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަވެ، ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މި ކޮޅިގަނޑު ދަތުރު ކުރަމުންދާނެ ކަމަށް ބެލެވެނީ ހުޅަނގުއުތުރަށް އިންޑިއާގެ ޓެމިލްނާޑް - ސްރީލަންކާގެ އައްސޭރިފަށާ ދިމާލަށް ކަމަށެވެ. މި ކޮޅިގަނޑުގެ އިތުުރުން ރާއްޖެ އާ ދުރުން، ރާއްޖޭގެ އިރުދެކުނުގައި އިތުުރު ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ.
Weather update. pic.twitter.com/IPXv6khtw9
— Maldives Meteorology (@MetMaldives) November 25, 2024
އޭގެ އިތުރަށް ރާއްޖޭގެ ދެކުނުންވެސް ބާރުގަދަ ކޮޅިގަނޑެއް އުފެދިފައިވާތީ އެ ދެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމުގައި މެޓް އޮފީހުން ލަފާކުރެއެވެ.
އެގޮތުން ދެ ކޮޅިގަނޑުގެ ސަބަބުން މި ހަފުތާގެ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުވެސް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އެގޮތުން އާންމުގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ވައި ގަދަވުމާ އެކު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމުގަ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އޮފީހުން އެދިފައިވެއެވެ.