މަސްވެރިން ކިރާ މަހުން ސަރުކާރުން ނަފާ ހޯދާނަމަ މަސްވެރިންނަށް ފައިސާ ދޭންވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ފުރުމާ ދިމާކޮށް ޗެނަލް13އަށް ދެއްވި ބަސްދީގަތުމުގައި ރައީސް ޔާމީން ވިދާޅުވީ، ދަރަނި އޮތޭ ބުނުމަކުން ނުފުދޭ ކަމަށާ، މަސްވެރިން ބާނާ މަހުން ސަރުކާރުން އާމްދަނި ހޮދާ އެކްސްޕޯޓު ހަދާ ކަމަށާ އެ ހޯދަނީ އެ މަސްވެރިންގެ މަސައްކަތުން ނަފާ ކަމަށާ އެހެންކަމުން މަސްވެރިންނަށް ފައިސާ ދެވެން ވާނެ ކަމަށެވެ.
ރައީސް ޔާމީން ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރަކީ ދިވެހިން ދުށް އެންމެ ނާގާބިލު ސަރުކާރުކަމަށް ވެފައި އޮތް އިރުވެސް އެ ސަރުކާރުގައިވެސް މަސްވެރިންނަށް ހައްގުތައް އަދާކޮށްދިން ކަމަށާ އެހެންކަމުން މިސަރުކާރަށް އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.
މަސްވެރިންނަށް ހަމަ އެ ބާނާ މަހުގެ އަގު ލިބެން ވާނެ. ދަރަނި އޮތުމަކީ ދަރަނި އަދާ ނުކުރުމެއް ނޫން. ހަމަ ދަރަނި އޮވެގެން ދަރަނި އަދާ ކުރަން ޖެހޭނެ. އެއީ ސަރުކާރުން އެ މަހުގެ ބޭނުން އެބަ ހިފާ. ބެންކޮކަށް ގެންގޮސް ވިއްކާ އެބަ. މިފްކޯ އަށް ގަނެގެން ކޭން އެބަ ކުރޭ. ސަރުކާރަށް ނަފާ ލިބޭ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން މަސްވެރިންނާ މެދު އިހމާލުވަމުން ދަނީ ގަސްތުގައި ކަމަށެވެ. އަދި ރައީސް ޔާމީން ވިދާޅުވީ ހެޔޮ ނިޔަތާ އެކު ކަންކަން ކޮށްދިނުމުގެ ވިސްނުން ސަރުކާރުގެ ކިބައިން ނުފެންނަ ކަަމަށާ އެއް އަހަރު ފާއިތުވެގެން ދިޔައިރު މި ސަރުކާރަށް އެމަނިކުފާނު ދެއްވާނީ "ޔޫ" ރިޕޯޓެއް ކަމަށެވެ.