ދުސްތޫރީ އިމުގެ ތެރެއިން ރައްޔިތުންގެ ބާރު އޮތް އިލެކްޝަންސް ކޮމިޝަން އަދި އޭސީސީ ފަދަ ތަންތަން ރައީސް މުހައްމަދު މުއިއްޒު ބާރުގެ ބޭނުންކޮށްގެން މުށުގެ ތެރެއަށް ލުމަކީ ޑިމޮކްރަސީ ކަފުން ކުރުން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ދެވިފައިވާ ބާރު އަނބުރާ ވެރިމީހާގެ އަތަށް ނެގުމަކީ ރައްޔިތުންނާއި ދެކޮޅު ވުން ކަމުގައެވެ. ރައްޔިތުންގެ ފަޅީގައި ހުރި ރައީސްއަކު މިފަދައިން ސިޔާސަތުތައް ބައްޓަން ނުކުރައްވާނެކަމަށް ޖަމީލް ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން، ޑރ މުހައްމަދު މުއިއްޒަކީ ވާދަވެރި ސިޔާސީ ބޭފުޅަކަށްވާއިރު ރައީސްގެ ނުފޫޒުން ދެންނެވުނު މުވައްސަސާތައް މިނިވަން ނުވާނަމަ ޑިމޮކްރަސީގެ ބޭނުމެއް ނެތް ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުއަކީ ދޮގުވެރި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލަމުންދާ ބޭފުޅެއްގެ ގޮތުގައި ޖަމީލްވަނީ ފާހަގަކޮށްފައެވެ.
ގާނޫނު އަސާސީއާއި ދިވެހިރާއްޖެ ދުސްތޫރީ ގޮތުން ހޯދައިފައިވާ ކުރިއެރުންތައް ރައީސްގެ ސަބަބުން ހަލާކުވެގެން ދާތަން ފެންނަން ފަށާފައިވާ ކަމަށްވެސް ޖަމީލްގެ ޕޯސްޓްގައި ވަނީ ފާހަގަކޮށްފައެވެ.