މަހިބަދޫ ދާއިރާ މެންބަރު އަހުމަދު ތާރިގް / -
ސިޔާސީ
މާދަމާގެ މަޖިލީހުގެ ރިޔާސަތު އަސްލަމާއި ސަލީމު ނޫން ބޭފުޅަކާ ހަވާލުކުރައްވާ: ތާރިގް
Fathmath Reem
ފާތުމަތު ރީމް
04 ފެބްރުއަރީ 2024
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމަށް މާދަމާ ބާއްވާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި ނައިބުރައީސް އަހްމަދު ސަލީމު ނޫން ބޭފުޅަކާ ހަވާލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު ( ޓޮމް ) ގޮވާލައްވައިފިއެވެ.

ތާރިގް މިފަދައިން ގޮވާލާފައިވަނީ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ޕީޕީއެމް/ޕީއެންސީ އިން ހުށަހަޅާފައިވަނިކޮށް އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ރައީސާ ނައިބު ރައީސަށް އާދިއްތަ ދުވަހު ފޮނުއްވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުން 14 ދުވަހުގެ ނޯޓިސް ހަމަވުމަށްފަހު އެންމެ ފުރަތަމަ ބާއްވާ ޖަލްސާއެއްގައި އެ މައްސަލަ ތާވަލުކުރެވެންޖެހެއެވެ.

ތާރިގު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު ރިޔާސަތު ބެލެހެއްޓެވުމާ ދުރަށްޖެހިވަޑައިގެންނެވި ކަމަށެވެ.

މަޖިލީހުގެ ކުރިގެ ރައީސް ނަޝީދު އަމަލުކުރެއްވި ގޮތުން މިސާލު ނަގައިގެން ހޯމަދުވަހުގެ ޖަލްސާގެ ރިޔާސަތުން އަސްލަމާއި ސަލީމު އެއްފަރާތަށް ޖެހިވަޑައިގެން މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅާފައިވާ 5 މެންބަރުންނާ ރިޔާސަތު ހަވާލުކުރެއްވުމަށް ވެސް ތޯރިގް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ތާރިގް ވިދާޅުވީ ޑިމޮކްރަސީއަކީ އެމީހަކާ ޖެހުމުން އެއްލައިލާ އެއްޗެއްކަމަށް ނުހެދުމަށްވެސް އިލްތިމާސްކުރައްވާ ކަމަށެވެ.

މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ނިންމި ނިންމުމާ ގުޅިގެންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved