ސަރުކާރުން ގޮތްދޫކޮށް ރިސޯޓުތަކުން ޑޮލަރު މާރުކުރަން ޖެހޭ ގޮތް ބަދަލުކުރަނީ..!؟ / ތޭރަގްރެފިކްސް
ހަބަރު
ސަރުކާރުން ގޮތްދޫކޮށް ރިސޯޓުތަކުން ޑޮލަރު މާރުކުރަން ޖެހޭ ގޮތް ބަދަލުކުރަނީ..!؟
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 ނޮވެމްބަރު 2024
މާލެ ސިޓީ

ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރައީސް ޑރ. މުއިއްޒުގެ އޯޑަރަށް އެކުލަވާލި ބޭރު ފައިސާގެ ގަވާއިދު ބަދަލުކުރަން ސަރުކާރުން ވިސްނަން ފަށައިފި އެވެ.

މިކަން ހާމަވީ ރިސޯޓުތަކުން ޑޮލަރު މާރުކުރާއިރު ލުއިތަކެއް ލިބޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލެއް އެކުލަވާލައި އެ ބިލަށް ހިޔާލު ހޯދުމަށް އެމްއެމްއޭއިން ރޭ ހުޅުވާލުމުންނެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ 1 އޮކްޓޯބަރު ގަ އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށަނީ 1 ޖެނުއަރީ 2025 އިން ފެށިގެންނެވެ.

މިކަމާ ގުޅިގެން ޓޫރިސްޓު ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ސިޔާސީން ވެސް ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައި ވެ އެވެ. އަދި މި ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ވެސް 50 އަށް ވުރެ ގިނަ ރިސޯޓުން ވަނީ އެމްއެމްއޭ އަށް އަންގާފަ އެވެ.

އެހެންނަމަވެސް، ސަރުކާރަށް އަހަރެއް ފުރުމާ ގުޅުވައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަންބޮޑުވުންތައް ހުރި ނަމަވެސް ގަވައިދު ބަދަލުނުކުރައްވާނެ ކަމަށް މީގެ ކުރިން ފާޅުގައި ވިދާޅުވެފަ އެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒުގެ "ހަރުކަށި ބަސްމަގު" ގައި ހުރެވުނީ އެންމެ 10 ދުވަހު އެވެ. މިހާރު މިވަނީ މުއިއްޒު ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވި ގަވާއިދު މަރާލެވޭނެ ގާނޫނެއް އުފަންވުމުގެ ކޮޅުމަތިފެނިފަ އެވެ.

އެމްއެމްއޭގެ ގަވައިދާއި ބިލުގެ ތަފާތުތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން ހިމެނޭ ކެޓެގަރީއަށް ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން މީގެ ކުރިން ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަން ޖެހޭ ކެޓަގަރީ ބީގައި މީގެ ކުރިން ހިމަނައިފައި ވަނީ 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ. އެހެންވުމުން، 50އަށް ވުރެ ގިނަ ކޮޓަރި ހުންނަ ތަންތަން ރިޒޯޓުތައް ހިނެނޭ ކެޓެގަރީ އޭގައި ހިމެނިފައިވުމުން، ގަވައިދުގެ ދަށުން ފަތުރުވެރިއަކަށް 500 ޑޮލަރު ދައްކަން ޖެހެ އެވެ.

ރިސޯޓްތަކަށް ލިބޭ ޑޮލަރު ބޭންކުތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވާއިދުގައި ހުރި ގިނަ ކަންކަން ބަދަލުކޮށް ގާނޫނަކަށް ހެދުމަށް "ބޭރު ފައިސާއާބެހޭ ބިލް" ގެ ޑްރާފްޓްކޮށް މަރުކަޒީ ބޭންކުން އާންމުންގެ ހިޔާލަށް މިހާރު އެވަނީ ހުޅުވާލައިފަ އެވެ.

ރައީސް މުއިއްޒު އަޑަށް ބާރު ލައްވާ ދެއްކި ވާހަކަ ބަދަލުވެ، ކުރިން ބުނި އެތި ކެންސަލް ވީ އެވެ. ރިސޯޓުތަކުން ޑޮލަރު މާރުކުރަން ޖެހޭ ގަވާއިދު މިއަދު އެ އޮތީ ރައްޔިތުންގެ ދަރުބާރުގައި އެވެ. ދެން އެކަމަށް ބަސް އިއްވާނީ ރައްޔިތުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved