އަންނަ އަހަރު ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ގޮތަށް ހިމަނާފައިވާ ރިކޮމެންޑޭޝަންތައް އުނި ކުރުމަށްފަހު އަދި 56.6 ބިލިއަންގެ ބަޖެޓަށް އިތުރު ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ މަޝްރޫއުތަކާ ގުޅޭ ތަފްސީލްތައް ދިނުމަށް ޝަރުތުކޮށެވެ.
ނަމަވެސް މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ވޯޓަށް އެހިއިރު، ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވަނީ ކޮމިޓީން ކަނޑައެޅި ރިކޮމެންޑޭޝަންތައް އުނިކުރަން ހުށަހަޅުއްވައިފަ އެވެ. އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެ ހުށަހެޅުމަށް ތާއީދު ކުރެއްވުމުން މި އިސްލާހު ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅައިފައިވާ ބަޖެޓާ ގުޅޭ ގޮތުން އިދިކޮޅުން އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާޅުކުރަނީ ވަކި މަޝްރޫއުތަކަށް ހިނގާނެ ފައިސާގެ އަދަދުތައް ހިމަނައިފައިނުވުމެވެ.
ރައީސް ޑރ. މުއިއްޒު ކޮންޓްރޯލް ކުރައްވާ މަޖިލީހުން ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ސިއްރު ކުރަން ނިންމެވުމުން ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.
ބަޖެޓްގެ ތަފްސީލު ސިއްރު ކުރުމަކީ މަޖިލީހުގެ އެއްވެސް ދައުރެއްގައި ކަންކުރެއްވި ގޮތެއް ނޫނެވެ. ނަމަވެސް ހާމަ ކަން ބޮޑު ކޮށް ސަރުކާރު ހިންގަން ވައުދުވެ ވެރިކަމަށް އައިސް ރައީސް މުއިއްޒު އަދި މި އުޅުއްވަނީ މުޅިންވެސް ތަފާތު ގޮތަކަށެވެ. ސޯލިހް އަށްވުރެ މުއިއްޒު "ޗޯރޭ" ރައްޔިތުން ބުނަނީ މިހެންވެ އެވެ.
ދައިލަތުގެ ހަރަދު ސިއްރުކުރަން މުއިއްޒު ސަރުކާރުން މަސައްކަތް އެ ކުރައްވަނީ މި އަހަހރު ވެސް ކަން ކުރެއްވި ގޮތަށް އަންނަ އަހަރުގެ 56.6 ބިލިއަންގެ ބަޖެޓް ވެސް ފެންފޮދަކާއި ނުލާ ދިރުވާ ލުމަށެވެ.