އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.
ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ބުނެއެވެ. އަދި މި ބޯޓުތަކަށް ތެޔޮވިއްކައިގެން ދައުލަތަށް ބިލިއަނުން ޑޮލަރު ވަންނާނެ ކަމަށް ބުނެ އެވެ.
ކޮންމެ އަކަސް މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައި އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ރަސްމީކޮށް ސަރުކާރުން ފެށިއެވެ. ހޯރަފުށީ ހޭޅިފަށުގައި ހެދިފައި ހުރި ރީތި ގަސްތަކާއި ރުއްތައް ކަނޑާލައިގެން އެ ސަރަހައްދުގައި ގޮނޑި ޖަހާ ހަފްލާއެއް ވެސް ބޭއްވި އެވެ. ގައުމީ ޓީވީން އެ މަންޒަރުތައް ދުރަށް ވެސް ދެއްކެވި އެވެ.
އެދުވަހު އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މިހާރު ޖީޑީޕީ ގެ ގޮތުގައި އޮންނަ 6.5 ބިލިއަން ޑޮލަރުގެ ތެރެއަށް ބަންކަރިންގެ ހިދުމަތް ފެށުމުން މި އަހަހރު ޖުލައި އިން އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ އަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށެވެ.
ނަމަވެސް ބަންކަރިން ފެށިފަހުން ދެ މަހާއި 10 ދުވަސް ވީއިރު ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ 8 ޑިގްރީ ޗެނަލުން މަހަކު 300 އަށް ވުރެ ގިނަ އުޅަނދު ހުރަސް ކުރާއިރު، މި ރާއްޖޭގައި މަޑުކޮށް ބޯޓަކުން ތެޔޮ އަޅާ އަޑެއް ރައީސް މުއިއްޒު ކޮންޓްރޯލް ކުރާ ނޫސްތަކުގައި ޖަހާ ތަނެއް ނުފެނެ އެވެ. އަދި މުއިއްޒުގެ ބޮޓުން ވެސް މީސް މީޑިއާގައި ބަންކަރިން ވާހަކަ މީހަކު އަހައިލިޔަސް ތިބޭނީ ޒާތަކަށް މޫނު ކުނި ކޮށް ގެން "8 ޑިގްރީ" ވެފަ އެވެ.
ރައީސް ޑރ. މުއިއްޒު އެވެ. ވާދަވެރި ތެލުގެ ބާޒާރެއްގައި މަސައްކަތް ކުރެވޭ ވަރަށް ވުރެ މަނިކުފާނުގެ "ޓީމް" ބަލިކަށްޓެވެ. ބޭރުގެ ވިޔަފާރި މާކެޓްތަކުގައި މަނިކުފާނާއި މަނިކުފާނުގެ ކެބިނެޓްގެ ވެރިން ސިފަ ކުރަނީ "ޑީލަރުން"ގެ ގޮތުގައި އެވެ. ގޮންޖެހުތަކާއެކު ވެސް ބަންކަރިން އިން %1އަށް ހިދުމަތް ދެވުނު ނަމަވެސް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ހޯދި މިއީ ދެމެހެެއްޓެނިވި، ފައިދާ ބޮޑު، ސިނާއަތަކަށް ހެދޭނީ "ލީޑަރުން" ނަށެވެ. ނަމަވެސް ބޭރުގެ އިންވެސްޓަރުން ވިދާޅުވާ ހެން ތިޔައީ މިއަދު "ޑީލަރުން" ނެވެ.
ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ.؟ އެމީހުންނަށް ވެސް ބޯޓަކަށް ތެޔޮކޮޅެއް ނުވިއްކިގެން އެ އުޅެނީ މި ސަރުކާރު ބޮޑުން ނަށް ވިއްކާ ތެލުން ދޭން ޖެހޭ "ކަޓް" ބޮޑު ވުމުން ނެވެ. ވިޓޯލް މީހުނަށް ވެސް މިހާރު މި ސަރުކާރުގެ އިސް ވެރިންނަކީ ޑީލަރުންކަން "ގެޓް" ވެއްޖެ އެވެ.
މިނިސްޓަރު ސައީދު އެވެ. އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތުގެ މަޝްރޫއުގެ ފަހަތުގައި އޮތީ "ވައްކަމާއި އޮޅުވާލުން" މެވެ. 300 ބޯޓުން އެއް ބޯޓު ވެސް ރާއްޖެ އަށް ވައި ނޭޅެނީ އެހެންވެ އެވެ. މި ކަމަށް ބާރު ދެނީ ދައުލަތައް އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު (ހަ ބިލިއަން ރުފިޔާ) މުޅިން އަލަށް ވަންނާނެ ކަމަށް މަނިކުފާނު ކުރިން ޖެއްސެވި ހިސާބު ބަދަލުކުރި ހިސާބުން ނެވެ.
މި ޖުލައި މަސް ނިމޭއިރު ބަންކަރިން ހިދުމަތް ފަށައިގެން، އަންނަ އަހަރުގެ ޖުލައި މަސް އަންނައިރު، ރާއްޖޭގެ ޖީޑީޕީ 6.5 ބިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރު (ހަ ބިލިއަން ރުފިޔާ) މުޅިން އަލަށް އިތުރުވާނެ،
ބަންކަރިން ހިދުމަތް "ފެއިލްވެ" ބޮޑު އަގުގައި ރާއްޖެ ގެނައި ދެ ބޯޓު ދަބަރަށް ވެ ސަރުކާރަށް ފާޑުކިޔުން އަމާޒުވާން ފެށުމުން ސައީދު މިހާރު ވިދާޅުވަނީ ބަންކަރިން އިން އެއްޗެއް ނުލިބުނަށް ހެޔޮކަމަށެވެ. ވިދާޅުވީ 100 މިލިއަން ޑޮލަރު، 200 މިލިއަން ޑޮލަރު ކިޔަން މިހާރު ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ސަރުކާރަށް ހަރަދު ކަނޑާފަ 1000 ޑޮލަރު ލިބުނަސް އެންމެ ރަގަޅު ކަމަށެވެ.
މިނިސްޓަރު ސައީދު އެވެ. މަނިކުފާނު ތިޔަ އިންދަވާ ގަހުގައި މިހާރު މަލެއް ނުފޮޅެ އެވެ. ފޮޅޭ މަދު ފިނިފެން މަލެއް ވެސް މިހާރު މަނިކުފާނުގެ ބަގީޗާގައި އެއިންނަނީ "މޯޅި" ވެފައެވެ. މިއަދު ރައީސް މުއިއްޒުއަށާއި މަނިކުފާނަށް އެންމެ ރަގަޅު ގޮތަކީ ބަންކަރިން ހިދުމަތާއި ގުޅުވާ އުލިގަމުގައި ހެދި ކަމަށް ބުނާ "ސީމަންސް ރެސްޓް ކްލަބް" ގައި ނިދިކުރެއްވުމެވެ.
ބަންކަރިން ވިޔަފާރި ވަރުގަދަ ކުރުމައްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ވުރެ ތިޔަބޭފުޅުން ގެ ނާގާބިލު ސަރުކާރު ގާނޫނީ އިމުގެ ތެރެއިން "ސައިޒް" ކުރަން މިއަދު ވިޓޯލް އަށް ވެސް މޮޅު އިތުރެެވެ. އެމީހުން މިހާރު އެކަމަށް އަހުދު ކަށަވަރުވެ ބައިއަތު ހިފައިފި އެވެ.
ތިޔަ ވިދާޅުވާ ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ 8 ޑިގްރީ ޗެނަލުން މަހަކު ދަތުރު ކުރާ 300 އަށް ވުރެ ގިނަ ބޯޓުތައް ވެސް މިހާރު ބޭނުން ވަނީ ދިވެހި "ރައްޔިތުންގެ ފަޅީގައި މަޑުކޮށް" ތެލާއި ފެން އަދި ކޮއްތު ބަރު ކުރާށެވެ.