އެގްރިކަލްޗަރ މިނިސްޓަރ ޑރ. ރަމީލާއާ ރައީސް ޑރ. މުއިއްޒު / ރައީސް އޮފިސް
ހަބަރު
މިނިސްޓަރު ރަމީލާ ސަރުކާރުން ވަކިވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
01 ޑިސެމްބަރު 2024
މާލެ ސިޓީ

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަގާމުން ޑރ.އައިޝަތު ރަމީލާ އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ ރަމީލާ އިސްތިުފާ ދެއްވީ ސިއްހީ ހާލު ހުރި ގޮތުން އިތުރަށް މަސައްކަތައިގެން ކުރިއަށް ދިއުމުގައި ދަތިކަމެއް ހުރުމުންނެވެ. އެކަމަނާގެ އިސްތިއުފާ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ގަބޫލުކުރައްވާފައެވެ.

ރައީސް މުއިއްޒު ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވީ، އެކަމަނާ އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، މިނިސްޓަރުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށްޓަކައި އެމަނިކުފާނަށް ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާކަމަށެވެ.

ޑރ.ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެެއްކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތްތާނގައިވެސް ކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން ޔަޤީންކުރައްވާކަމަށެވެ. އަދި ރ.ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްالله ގެ ތަނަވަސް ރަޙުމަތްފުޅުން އެކަމަނާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި ފާގަތި މުސްތަޤުބަލެއް މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved