ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ނަހަމަ ގޮތުގާ ބޭނުންކުރަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އޮފީސް ހިންގުމަށް ކުއްޔަށް ހިފާފައި ހުރި ތަނެއްގައި ސަރުކާރު އިސްވެރިންގެ މަސްލަހަތު އޮތް "އެމްއެމްޓީވީ" ހިންގާ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު، މީކާއިލް އަހުމަދު ނަސީމްއެވެ.
ނަމަވެސް މިއަދު އޮތް މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ރިޔާސަތުން ވާހަކަ ދައްކަވަމުން، މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވަނީ މީކާއިލް ނަސީމް ހުށާހަޅާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ 197 ވަނަ މާއްދާާގެ ކ. ގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާން ކޮށްފައިވާ ޝަރުތު ފުރިހަމަ ނުވާތީ މަޖިލީހަށް ހުށަހެޅެން ނެތް ކަމަށްބުނެ މައްސަލަ އެޖެންޑާވެސް ނުކޮށް ބޭރުކޮށްލާފައެވެ.
މީކާއިލް ހުށަހެޅި ކުއްލި މައްސަލައިގައި އޮތީ، އެންސްޕާގެ އޮފީސް ހުންގުމަށް ޖޫން 25، ގައި ނެޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް އެ ބިޑު އެވޯޑުކޮށް ފަސް އަހަރުދުވަހުގެ ކުލީގެ ގޮތުގައި 34.8 މިލިއަން ރުފިޔާއަށް އެ ކުންފުނީގެ އަތުން ހަތަރު ފްލޯ ކުއްޔަށްހިފާފައިވާ ކަމަށެވެ. އަދި އެއަށްފަހު އޭގެތެރެއިން ދެ ފްލޯއެއް މޯލްޑިވްސް މީޑިއާ ހައުސްއިން ނޮވެމްބަރު 28، ގައި ހިންގަން ފަށާފައިވާ އެމްއެމްޓީވީގެ އޮފީސް ހިންގުމަށް ކުއްޔަކާ ނުލައި އެ ކުންފުންޏަށް ދީފައިވާ ކަމަށް މީސްމީޑިއާގެ އެކި މަންސަތަކުގައި ތުހުމަތު ކުރެވެމުންދާ ކަމަށެވެ.
އޭގެ އިތުރުން އެމްއެމްޓީވީގައި މަސައްކަތް ކުރުމަށް ވަޒީފާ ދީފައިވާ ނޫސްވެރިންނާއި ޕްރެޒެންޓަރުންތެ ތެރޭގައި ދައުލަތުގެ އެކިއެކި އިދާރާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ހިމެނޭ ކަމާއި އެ މުވައްޒަފުންނަށް އެމްއެމްޓީވީގައި އަދާކުރާ ވަޒީފާއަށް ދޭންޖެހޭ އުޖޫރަ ދައުލަތުގެ ބަޖެޓުން ކަމަށް ތުހުމަތު ކުރެވޭ ވާހަކަ ވެސް ކުއްލި މައްސަލައިގައި ހިމަނާފައިވެ އެވެ.
މީކާއިލްގެ ބިލުގައި އޮތީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ، ދައުލަތުގެ މާލިއްޔާގެ ނަހަމަ ބޭނުންކޮށްގެން ހިންގަމުންދާ މިފަދަ ގައިރު ގާނޫނީ އަމަލުތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން އެ މައްސަލަ އިތުރަށް ބަލައިދެއްވުމަށާއި އެކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކާމެދު ގާނޫނުގައިވާ ގޮތުގައި މަތިން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ކަމަށެވެ.