މޯލްޑިވްސް މީޑިއާ ހައުސްގެ ނަމުގައި ހިންގާ ކުންފުންޏެއް މެދުވެރިކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތް ހޯދުމަށް ވީ އެއްބަސްވުން އުވައިލަން ނިންމާ ސަރުކާރުން އުނބަށް ޖަހައިފިއެވެ.
އެންސްޕާ އިން ކުއްޔަށް ހިފި އިމާރާތެއްގައި، ދާދި ފަހުން ފެށި މޯލްޑިވްސް މީޑިއާ ހައުސްގެ މޯލްޑިވްސް މީޑިއާ ޓީވީ (އެމްއެމްޓީވީ), ހިންގާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ލިޔެކިޔުތަކުން އެނގޭ ގޮތުގައި އެންސްޕާ އާއި އެމްއެމް ޓީވީ ހިންގާ ކުންފުނި މޯލްޑިވްސް މީޑިއާ ހައުސްއާ ދެމެދު 34.8 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހަދާފައިވެއެވެ. ބަލާ ހޯދާލުމުން ހާމަވެގެން ދިޔައީ އެއީ އެންސްޕާ ހިންގުމަށް ފަސް އަހަރު ދުވަހު މއ. ސީރާޒީގެ ދެ ފަންގިފިލާ ކުއްޔަށް ހިފުމާ ގުޅޭ އެއްބަސްވުމެއްކަމެވެ.
ތަފްސީލަށް ބަލާލާއިރު، އެ ގެއިން ދެ ފަންގިފިލާ ހިފާފައިވަނީ މަހަކު 580،000ރ އެންސްޕާއިން ކުއްޔަށް ހިފާފައިވެއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސްއިން ހިންގާ ޓެންޑާ ބޯޑް މެދުވެރިކޮށް ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން، މީޑިއާ ހައުސްއިން ހަމަ އެ އިމާރާތުން 4 ފަންގިފިލާ ކުއްޔަށް ހިފާފައިވާކަން ހާމަވެފައިވެއެވެ.
އޭގެ ތެރެއިން 2 ފަންގިފިލާ އެންސްޕާ އަށް ދޫކޮށްފައިވާއިރު، އަނެއް 2 ފަންގިފިލާ ބޭނުންކުރަނީ ރައީސް މުއިއްޒުގެ ޓީވީ ސްޓޭޝަންގެ މަސައްކަތްތަކަށެވެ.
އެނގިފައިވާ ގޮތުގައި އެ ހަތަރު ފިލާއަށް ޖުމްލަ ދައްކަން ޖެހެނީ 580،000ރ އެވެ. އެހެންކަމުން އެންސްޕާ މެދުވެރިކޮށް އެމްއެމް ޓީވީ ހިންގާ ދެ ފަންގިފިލާގެ ކުލި ވެސް ހަމަޖައްސާފައިވެއެވެ.
އެހެންކަމުން މިއީ ބޮޑު އަގުގައި ރައީސް މުއިއްޒުގެ ޓީވީ ހިންގާ ކުންފުންޏަށް މަންފާވާ ގޮތަށް ވަނީ ރައްޔިތުންގެ އާސަންދަ ފައިސާ އިސްރާފުކޮށް ކޮށްފައިވާ ވައްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށް ފާޑުކިޔާފައިވެއެވެ.
މި ފަދަ ދަނޑިވަޅެއްގައި ނެރުނު ބަޔާނުގައި ބުނީ އެންސްޕާ ހިންގަން އާ އިމާރާތެއް ކުއްޔަށް ހިފަން ބީލަމަށް ހުޅުލާއި އެވޯޑްކުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އުސޫލާ އެއްގޮތަށް ކަމަށާއި އަދި މޯލްޑިވްސް މީޑިއާ ހައުސްއިން އެތަން ކުއްޔަށް ހިފުމުގެ މަސައްކޮށްފައިވާ ކަމަށެވެ.
ނަމަވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައި އަގުވައްޓާާލުމުގެ ސަބަބުން އެމްއެމްއެޗަށް މާއްދީ ގޮތުން ފޫނުބެއްދޭ ގެއްލުންތަކެއް ވެފައިވާތީ އެ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށް އެންސްޕާއިން ބުނެފައިވެ އެވެ.
އެހެންވެ އެ އެއްބަސްވުން ނިމުމަކަށް ގެންނަން މާލީ ވުޒާރާއާއެކު ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެންސްޕާއިން ބުންނެފައިވެއެވެ.