އެމެރިކާގެ ރައީސް ޖޯ ބައިޑަން، އޭނާގެ ދަރިކަލުން، ހަންޓަރ ބައިޑަންގެ ޝަރީއަތަށް ނުފޫޒު ނުފޯރުވަން ވެވަޑައިގެންނެވި ވައުދާ ހިލާފުވެ، އޭނާއަށް މަޢާފު ދެއްވައިފި އެވެ.
ބައިޑަން އޭނާގެ ދަރިކަލުންނަށް މައާފު ދެއްވާފައި ވަނީ އެމެރިކާގެ ރައީސް ކަމުގެ މަގާމުން ލިބިދޭ ބާރުތައް ބޭނުން ކުރައްވައިގެންނެވެ. ހަންޓަރއަށް މައާފު ދެއްވާފައި ވަނީ ޓެކުހަށް މަކަރު ހެއްދެވުމުގެ ދަޢުވާގެ ޝަރިއަތް ހިނގަމުން ދަނިކޮށެވެ. މީގެ ކުރިން އޭނާގެ މައްޗަށް ހަތިޔާރާ ގުޅޭ ދައުވާއެއް ވެސް އޮތީ ސާބިތުވެފަ އެވެ.
އުމުރުން 54 އަހަރުގެ ހަންޓާގެ މައްޗަށް މިދިޔަ ޖޫން މަހު ވަނީ 2018 ވަނަ އަހަރު ބަޑިއެއް ގަތް އިރު، އޭނާ އަކީ ކޮކެއިން އަށް އެޑިކްޓުވެފައިވާ މީހެއް ނޫން ކަމަށް ބުނެ ދޮގު މައުލޫމާތު ދިނުމާއި އެ މައްސަލައާ ގުޅޭ އިތުރު ދެ ކުށެއް ވެސް ސާބިތުވެފަ އެވެ. މިއީ އެމެރިކާގެ ރައީސަކު މަގާމުގައި ހުންނަވަނިކޮށް ދަރިއެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
މި މައްސަލައިގެ ތެރެއަށް ނުވަންނާނެ ކަމަށް ބައިޑެން ކުރިން ވިދާޅުވެފައި ވިޔަސް ބައިޑެން ހަންޓާއަށް މާފު ދެއްވިކަން އިއުލާނުކުރައްވައި ދެއްކެވީ އެހެން ވާހަކައެކެވެ.
ހަމަ ވިސްނޭ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ހަންޓާގެ އެ މައްސަލަ ބަލައި ކުށް ސާބިތުވީ އެއީ އެކަނި އަޅުގަނޑުގެ ދަރިފުޅަށް ވީތީކަން. އެއީ ރަނގަޅު ގޮތެއް ނޫން
މީގެ ނުވަ އަހަރު ކުރިން، 2015 ވަނަ އަހަރު ސިކުނޑީގެ ކެންސަރުގައި ދަރިކަލުން ބިއު އަވަހާރަވި ރައީސް ވިދާޅުވީ އޭނާގެ ވާދަވެރިން މަސައްކަތް ކުރީ ސިލެކްޓިވް ޕްރޮސެކިއުޝަނަކުން ހަންޓާގެ ދުވަސް ދުއްވާލުމަށް ކަމަށެވެ.
ހަންޓަރއަށް މައާފު ދެއްވުމާ ގުޅިގެން ރިޕަބްލިކަން ޕާޓީން ވަނީ ބައިޑަންގެ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކޮށްފަ އެވެ. އެ ކަމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅުންގެ ތެރޭގައި އިންތިހާބީ-ރައީސް ޓްރަމްޕް ވެސް ހިމެނި ވަޑައިގަންނަވަ އެވެ.
ބައިޑަންގެ މި ނިންމުމާއިއެކު މިއީ އެމެރިކާގެ އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަމާ މެދު އަނެއްކާވެސް ސުވާލު އުފެދޭނެ ނިންމުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.