

ހާއްސަ ހާލަތްތަކުގައި ނޫނީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ނުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މި ގޮތަށް މިކަން ކަނޑައެޅުއްވީ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިކަން އިއުލާންކުރެއްވީ އެމަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައެވެ. އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް ކަމަށެވެ.
އެހެންކަމުން، ސަރުކާރުގެ އަމިއްލަ އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގައި، މިއީ ގައުމުގެ އިގްތިސޯދީ އަދި މާލީ މުސްތަގްބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިއީވެސް، ދައުލަތަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލުހޯދުމަށް މުހިންމުކަމެއް. މިކަމާބެހޭ ކަރުދާހެއް ކެބިނެޓަށް ހުށަހެޅި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ކުންފުނިތައް ހަރުދަނާ ކުރުމާބެހޭ ޚާއްސަ ސިޔާސަތެއް ވަނީ ފާސްކުރެވިފައި. މީގެ އިތުރުންވެސް، ފިސްކަލް ޑެފިސިޓް ކުޑަކޮށް، މިހާރު ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ މަޖުބޫރުވެފައި
ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، އެ ކުންފުނިތައް ދައުލަތަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްވެސް މަސައްކަތްކުރަން ޖެހޭ ކަމަށާ އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ ހާލަތު ރަނގަޅު ކުރުމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު700 އަށް ވުރެ ގިނަ ނުކުރައްވާނެ ކަމަށް ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެ ވަޑައިގެންފައެވެ.
މި ސަރުކާރުގެ މިނިސްޓްރީތަކަށް ނައިބު މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންގެ އިތުރުން ސިޔާސީ ކޯޑިނޭޓަރުން އައްޔަނު ކުރާ މިންވަރު ގިނަވުމުގެ ސަބަބުން އާންމުންގެ ފާޑުކިޔުންތައް އަމާޒު ވެފައިވާއިރު ސިޔާސީ މަގާމުތަކުގެ ސީދާ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ.