ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ގައުމީ ބޮޑު ޖަރާސީމެއްގެ ގޮތުގައި، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.
އަދުގެ ސަރުކާރުން ކަންކަންކުރަމުން ގެންދާ ގޮތުގެ ތެރޭގައި ދޮގާ މަކަރާ ހީލަތް ހިމެނޭތީ އެކަންކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަކީ ރައްޔިތުން ޙާލުގައި ވަނިކޮށް އެމީހުންގެ ލަޭބޯން ދިމާކޮށްފައިވާ ބައެއްކަމަށެވެ އަދި އެއީ އެއްވެސް ލަދެއް ނެތި ދިރިއުޅެން ދިމާކޮށްފައިވާ ބައެއްގެ ގޮތުގައިވެސް ޑރ ޖަމީލު ސިފަކުރައްވާފައިވެއެވެ.
މީގެ އިތުރުން ވެރިންގެ ތެރޭގައި ތިބެ ރައްޔިތުންނަށް ޚިޔާނާތްތެރިވަމުން ގެންދާ މީހުންނަށް ބޮޑެތި ޖިނާއީ އަދަބު ލިބުމަކީ ގައުމުގެ ޙައްގެއްކަމަށާ މިނިވަން ފުލުހުންނާ، އޭސީސީއެއް އޮތްނަމަ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުއާ އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދުމެން ފަދަ މީހުން މިހާރު ތިބޭނީ ހައްޔަރުކޮށްފައި ކަމަށްވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.
ޑރ ޖަމީލު ވަނީ ހިޔާ ފްލެޓްތަކުގެ ލިފްޓްގެ މަސައްކަތް ޗައިނާ ކުންފުންޏަކަށް ދިން ކަމަށް ކުރިން ނޫހަކުން ރިޕޯޓުކުރި ކުރުމަކީ ތެދެއްކަމަށް ފަޒުލް މަޖިލީހުގެ ކޮމިޓީގައި އެއްބަސްވުމާ އެކު އެ 18 މިލިއަން ޑޮލަރ ހޭދަކުރީ ރަނުން ހަދާފައިވާ ލިފްޓްތަކެއްތޯ އައްސަވާފައެވެ.
ހަމައެހެންމެ ޑރ ޖަމީލު ވަނީ ސަރުކާރުން ހިންގާފައިވާ އެފަދަ އެހެން ކޮރަޕްޝަންތަކުގެ ވެސް ހަނދާން އައުކުރައްވާފައެވެ.
މި ޕީއެންސީއަކީ ގައުމީ ކޮރަޕްޝަންގެ ޖަރާސީމުތަކެއް. ރައްޔިތުން ޙާލުގައި ވަނިކޮށް އެމީހުންގެ ލަޭބޯން ދިމާކޮށްފައިވާ ބައެއް. މިއީ އެއްވެސް ލަދެއް ނެތި ދިރިއުޅެން ދިމާކޮށްފައިވާ ބައެއް. މިމީހުންނަށް ބޮޑެތި ޖިނާއީ އަދަބު ލިބުމަކީ ގައުމުގެ ޙައްގެއް. މިނިވަން ފުލުހުންނާ، އޭސީސީއެއް… pic.twitter.com/0aGfS8cMHb
— Mohamed Jameel Ahmed (@MJameelAhmed) December 4, 2024
އެގޮތުން މި ސަރުކާރުން އެންމެ ފުރަތަމަ ހިންގި ކޮރަޕްޝަން. ރަސްމާލެ ޕްރޮޖެކްޓުން ރާޖޫއަށް 70 އެތަކެއް މިލިއަނެއް ޑޮލަރާ އަދި ބިންތައް ނުއަގުގައި ވިއްކުންފަދަ އެތައްކަމެއް ހިންގާފައިވާކަން ޑރ ޖަމީލު ފާހަގަކުރެއްވިއެވެ. އަދި ހީނާމެން ފަދަ މީހުން ކޮރަޕްޝަން ހިންގަމުންދަނީ މަޖާވާހަކައެއް ކަމަށް ހަދައިގެންތޯ އައްސަވާ ޑރ ޖަމީލު ވަނީ އެހެންކުރާ ކަންކަމަކީ އިރާގު ޞައްޙާފުގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެ އިތުރުން ހީނާ ފެނުމުން އެންމެން ބުނަނީ ކުޑަ ކައްޒާބޭކަމަށް ވިދާޅުވެ ޑރ ޖަމީލުވަނީ ހީނާގެ މައްޗަށް މިވެރިކަން ނިމުމުން ބޮޑު ޖިނާއީ އަދަބު އަންނާނެ ވަރުގެ ހެކި ހީނާ އަމިއްލައަށް ދޫކޮށްފައި ހުރި ކަމަށް ވިދާޅުވެފައެވެ.
ޑރ ޖަމީލު ވަނީ ވެރިންގެ ގޮތުގައި ތިބެ އެފަދަ ނޭއްގާނީ ކަންކަން ހިންގަމުންދާ މީސްމީހުންގެ ތަރުބިއްޔަތުގެ އުނިކަން ހުރިކަން ފާހަގަކުރައްވާ އެމީހުން ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ ޖީބަށްލައި ނޮޅައިގެން އުޅޭއިރު، ވިޔަފާރިތައް ފުނޑި، މަސްވެރިން ޙާލުގައި ޖެހި، ކިޔަވާކުދިންގެ ފައިސާ ކޮޅު މިމީހުން ބައި އަޅައި މީމީހުންގެ ނަފްސާ އަނބިންނާ، ދަރިންނަށް އަލިފާން ކާންދޭއިރު ކަލާނގެ ކޯފާއަށް ބިރު ނުގަނޭތޯ ވެސް ޑރ ޖަމީލު ވަނީ ސުވާލުއުފައްދާވަފައެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރަކީ ކޮރަޕްޝަންގެ މައި ބޮނދެއްގެ ގޮތުގައި ގިނަ ބަޔަކުން ގެންދަނީ ސިފަކުރަމުންކަން ފާހަގަކޮށްލެވެއެވެ.