ފަހު ވަގުތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންތިހާބުގައި ވޯޓު ލާން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ލިސްޓަށް ބަދަލުތަކެއް ގެނައުމަށްފަހު އިންފޮމޭޝަން މިނިސްޓްރީން އާންމު ކޮށްފި އެވެ.
އެ އިންތިހާބު އިންތިޒާމްކުރާ ޔޫތް މިނިސްޓްރީއަށް އިއްޔެ ސިޓީ ފޮނުވީ އިންތިހާބުގައި ވާދަކުރާ ހަ ނޫސްވެރިއަކު ސޮއިކޮށްފަ އެވެ. އެ ނޫސްވެރިންގެ ޝަކުވާއަކީ ދާއިމީ ވޯޓާޒް ލިސްޓް ގެޒެޓްކުރި ފަހުން އެކަށީގެންވާ ސަބަބެއް ނެތި، ބައެއް ނޫސްތަކުގެ މަސްއޫލުވެރިން އެދިގެން ކަމަށް ބުނެ އެ ނޫސްތަކުން ވޯޓްލާން ދާ ފަރާތްތައް ބަދަލުކޮށް ލިސްޓަށް ބަދަލު ގެންނަ މައްސަލަ އެވެ.
ޝަކުވާ ހުށަހެޅި ބައެއް ނޫސްވެރިން ބުނީ މީގެ ކުރިން އެގޮތަށް ލިސްޓަށް ބަދަލު ގެނެސްދީފައި ވަނީ ވަރަށް ހާއްސަ ހާލަތްތަކެއް އައިސްގެން ވޯޓްލާން ހާޒިރުނުވެވޭ ހާލަތްތަކުގައި ކަމަށެވެ. އަދި އިންތިހާބު ބޭއްވުމުގެ އުސޫލުގައި ވަކި ސުންގަނޑިތަކަކަށް ދާއިމީ ލިސްޓް ނެރެ ގެޒެޓްކޮށް ހަދަން ޖެހޭ ކަމަށް ބުނާއިރު ދާއިމީ ލިސްޓަށް ބަދަލު ގެނައުމަކީ އެ އުސޫލުގެ މަގުސަދު ގެއްލޭ ކަަމެއް ކަމަށް ވެސް އެ ނޫސްވެރިން ބުންޏެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) 10 މެންބަރުންގެ ދައުރު ޑިސެމްބަރު 14، ގައި ހަމަވާތީ ބާއްވާ އެ އިންތިހާބުގައި މީޑިއާތަކުން ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރީ ނިމުނު ނޮވެމްބަރު 14، ވަނަ ދުވަހު އެވެ.
މީޑިއާ ކައުންސިލް އިންތިހާބުގައި މީޑިއާތައް ތަމްސީލު ކުރާ ހަތް މެންބަރުންނާއި އާންމު ތިން މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
އާންމު މެންބަރުންގެ ގޮތުގައި ތިބެނީ މީޑިއާތަކާއި އެއްވެސް ވަރަކަށް ގުޅުންހުރި ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ. އަދި, މީޑިއާ ތަމްސީލުކުރާ މަގާމުތަކަށް ކެންޑިޑޭޓުން ހުށަހަޅާނީ ރަޖިސްޓްރީ ކޮށްފައިވާ މީޑިއާ ތަކުންނެވެ.
މީޑިއާ ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމުގެ ޝަކުވާ މމީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. މީޑިއާ ކައުންސިލްގެ ކޮންޓްރޯލް ސަރުކާރުން ނަގަން ބޭނުންވަނީ ސަރުކާރުގެ ހަބަރު ނޫސްތަކުގައި ގިނަ ކުރުމަށް މަސައްކަތް ކުރުމަށާއި ސަރުކާރު ހިންހަމަ ނުޖެހޭ ހަބަރެއް ރިޕޯޓްކުރާ ނޫސްތަކަށް އަދަބު ދިނުމަށެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓަށްް ފަހު ވަގުތު އެ އިންތިހާބު ބާއްވާ ޔޫތު މިނިސްޓްރީން ބަދަލު ގެނައުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އެ އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓަށް ބަދަލުތައް ގެނައުމާއި އެ އިންތިހާބާ ގުޅޭ ބައެއް އިޖުރާއަތްތައް މިނިސްޓްރީން ކުރިއަށް ގެންދާ ގޮތުން އިންތިހާބާ މެދު ސުވާލު އުފެދި ސައްހަކަން ގެއްލޭ އެތައް ބައިވަރު ކަންތައްތަކެއް ހިނގަމުންދާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އެގޮތުން ވޯޓުލާން ރަޖިސްޓްރީ ކުރި ބައެއް މީޑިއާތަކުން ވޯޓުލާން ހަމަޖައްސާފައިވާ ފަރާތްތައް ކުއްލި ގޮތަކަށް ބަދަލު ކުރަން ހުށަހަޅައިގެން ކަމަށް ބުނެ ގެޒެޓް ކޮށްފައިވާ ދާއިމީ ވޯޓާސް ލިސްޓަށް މިނިސްޓްރީން ބަދަލުތަކެއް ގެނެސްފައިވާކަން އެމްޖޭއޭއިން ފާހަގަކުރި އެވެ.