ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު / އެމްޑީޕީ
ހަބަރު
ފައިސާ ޗާޕު ކުރެވޭ އަދަދު ގާނޫނުން އިތުރު ކުރުމުން ވީ ވައުދާ ސަރުކާރުން ހިލާފުވެއްޖެ: އަމީރު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 ޑިސެމްބަރު 2024
މާލެ ސިޓީ

ފައިސާ ޗާޕު ކުރެވޭ އަދަދު ގާނޫނުން އިތުރު ކުރުމުން ވީ ވައުދާ ސަރުކާރުން ހިލާފުވެއްޖެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ މާލީ ހާލަތު ރަނގަޅު ކުރަން ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގައި ކުރިއަށް ވުރެ ގިނައިން ފައިސާ ނެގޭނެ ގޮތަށް އޮއްވައި، އެ ބިލު ރައީސް ތަސްދީގުކުރެއްވުމާއި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އަމީރު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ދެއްކެވި އެންމެ މުހިއްމު އެއް ވާހަކައަކީ އެމްއެމްއޭ އިން ފައިސާ ޗާޕް ނުކުރާނެ ވާހަކަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ފާސް ކުރި "ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު" ގެ ހަ ވަނަ މާއްދާގެ އެއް ވަނަ ނަންބަރުގެ ހ. ގައި ބުނެފައި ވަނީ، މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނަގަންވާނީ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރަން 91 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކާ ގޮތަަށް އެޑްވާންސެއްގެ ގޮތުގައި ކަމަށެވެ.

އެ މާއްދާގައި ބުނެފައި ވަނީ، ދަރަންޏަށް ފައިސާ ނެގެނީ ވެއެތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް، ތިން އަހަރަށް ޖެހޭ އެވްރެޖު އާމުދަނީގެ 2.5 ޕަސެންޓަށް ވުރެ އިތުރުނުވާނެ މިންވަރަކަށް ކަމަށެވެ. ކުރިން ގާނޫނުގައި އޮންނަނީ އެންމެ ޕަސެންޓެއް ނެގޭ ގޮތަށެވެ.

އެ ބިލު ރައީސް ތަސްދީގު ކުރެއްވުމާ އެކު މިހާރު އަމަލު ކުރަމުންދާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ވަނީ އުވިފަ އެވެ. ފިސްކަލް ޒިންމާގެ ގާނޫނު 42 ވަނަ މާއްދާގައި އެކަން ބަޔާންކޮށްފައި އޮވެ އެވެ.

އަމީރު ވިދާޅުވީ ކުރިން ގާނޫނުގައި ވަނީ ޗާޕްކުރެވޭނީ ގިނަވެގެން ފާއިތުވި ތިން އަހަރުގެ އެވްރެޖް އާމްދަނީ ގެ އެއް ޕަސެންޓަށްވާ ފައިސާ ކަމަށެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހާއެކު އެ ލިމިޓް ތިން އަހަރުގެ އާމްދަނީ 2.5 ޕަސެންޓަށް މަތިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރުގެ ފިނޭންސް މިނިސްޓަރުކަމުގައި 2020 އިން ފެށިގެން 2023 ގެ ނިޔަލަށް އަށް ބިލިއަން ރުފިޔާ ޗާޕުކުރި އެވެ. އެ ފިޔަވަޅު ދިފާއުކުރައްވަމުން އަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އޯވަޑްރޯ ކުރީ ގާނޫނުގައި ކުރިއްސުރެ އޮތް އިސްތިސްނާއީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ.

މި ބަދަލުން އެމްއެމްއޭ އިން ދަރަންޏަށް ފައިސާ ނެގޭ މިންވަރު މަހަކު ގާތްގަނޑަކަށް 800 މިލިއަން ރުފިޔާ އަށް އިތުރުވެގެން ދިޔައީ. އެމްޑީޕީ ގެ ސަރުކާރުން އަޅުގަނޑުމެން އޯޑީ ލިމިޓް ވަކި ކަނޑައެޅިފައިވާ މުއްދަތަކަށް އިތުރުކުރީ ގާނޫނުގައި ކުރިންވެސް ބުނެވިފައިވާ އިސްތިސްނާ ހާލަތެއް މެދުވެރިވެގެން،

- އަމީރު

ކޮވިޑް-19އާ ގުޅިގެން 2020 ގައި އަދި 2021 ގައި ފައިސާ ޗާޕުކުރި ނަމަވެސް 2022 އަދި 2023 ގައި ފައިސާ ޗާޕުކުރުން ހުއްޓައިލުމަށާއި އެގޮތަށް ޗާޕުކުރަމުންދާނަމަ ބޭރު ފައިސާއަށް އޮތް ޕްރެޝަރު ބޮޑުވެ ޑޮލަރުގެ އަގު އަރާނެ ކަމުގައި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ދިޔާއީ އެއިރު ބުނަމުންނެވެ. ނަމަވެސް ސޯލިހުގެ ސަރުކާރުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ތަސްދީގު ކުރުމާ އެކު އެ ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ހަ މަސް ދުވަސް ފަހުންނެވެ.

ފައިސާ ޗާޕު ނުކުރުމަކީ ރައީސް ޑރ. މުއިއްޒު އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ ފައިސާ ޗާޕުކޮށްގެން ހަރަދުތައް ހަމަޖައްސާ ނަމަ އިގުތިސާދީ ހާލަތު އިތުރަށް ވާނީ ގޯހެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved