މިދިޔަ ނޮވެންބަރު މަސް ނިމުނުއިރު ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހުންނަ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ނުވަތަ ޔޫސެބުލް ރިޒާވުގައި ހުރީ 45.7 މިލިއަން ޑޮލަރު ކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ބޭންކުތަކަށް އިންވެސްޓުކޮށްފައި ހުރި ފައިސާގެ އަދަދު ނުހިމަނައި، ޔޫސަބަލް ރިޒާވު ހިސާބުކުރާއިރު ޔޫސަބަލް ރިޒާވަށް އަންނަނީ ނެގެޓިވް އަދަދެކެވެ. އެއީ މައިނަސް 72 މިލިއަން ޑޮލަރެވެ.
މިހާރު ރިޒާވުގައި ހުރި 45.7 މިލިއަން ޑޮލަރަކީ މަސް ދުވަހުގެ ޒަރޫރީ އިމްޕޯޓަށް ބޭނުންވާ ވަރަށް ވުރެ ވެސް މަދު ޑޮޮލަރެވެ. އަދި 50 މިލިއަން ޑޮލަރުން ދަށުގައި ރިޒާވުގައި ހުންނަތާ މިވީ ތިން މަސް ދުވަހެވެ.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރަން މަހެއްގެ މައްޗަށް 70 މިލިއަނެއްހާ ޑޮލަރު ރާއްޖެއަށް ބޭނުންވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މަރުކަޒީ ބޭންކުން ބުނަނީ މިހާރު ޔޫސަބަލް ރިޒާވު ހިސާބުކުރަނީ ބޭންކުތަކަށް އިންވެސްޓުކޮށްފައިވާ ފައިސާ ވެސް ހިމަނައިގެން ކަމަށެވެ. އެހެންކަމުން ކަނޑަންޖެހޭ ބައިތައް (ޕްރީޑިޓާމިންޑް ޝޯޓް-ޓާމް ނެޓް ޑްރެއިންސް) ކެނޑުމަށް ފަހު، ޔޫސަބަލް ރިޒާވުގައި ހުރި ކަމަށް ދައްކަނީ 45 މިިލިއަން ޑޮލަރެވެ.
ބޭނުންކުރެވޭ ރިޒާވްއަށް އައި ބަދަލުތައް
ޖޫން: 66.9 މިލިއަން ޑޮލަރު
ޖުލައި:43.6 މިލިއަން ޑޮލަރު
އޮގަސްޓު: 61.2 މިލިއަން ޑޮލަރު
ސެޕްޓެމްބަރު: 48.8 މިލިއަން ޑޮލަރު
އޮކްޓޯބަރު: 31.5 މިލިއަން ޑޮލަރު
ނޮވެމްބަރު: 45.7 މިލިއަން ޑޮލަރު
އެމްއެމްއޭއިން އާންމުކޮށްފައިވާ ނޮވެމްބަރު މަހުގެ ފައިނޭންޝަލް ޕޮޒިޝަން ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 616 މިލިއަން ޑޮލަރެވެ. ބޭންކުތަކަށް އިންވެސްޓުކޮށްފައި ހުރި އަދަދު ކަމަށް ދައްކަނީ 128 މިލިއަން ޑޮލަރެވެ.
ހިލޭ އެހީއަށް ލިބޭނޭ ކަމަށް ލަފާކުރި އަދަދުގެ ދެބައިކުޅައެއްބައި ވެސް މިއަހަރު ނުލިބޭނޭކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު ދައުލަތުގެ އާމްދަނީ ދަށްވެ އިގްތިސާދަށް ނުރައްކާވަމުންދާތީ ސަރުކާރުން ވަނީ ބައެއް ޓެކްސްތައް ބޮޑުކުރަން ނިންމާފަ އެވެ. މީގެއިތުރުން ހަރަދު ކުޑަކުރުމުގެ ގޮތުން އާސަންދަ ނިޒާމަށް އަދި ސަބްސިޑީ ދޫކުރާ އުސޫލަށްވެސް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.