މަސްވެރިންނަށް ވެފައިވާ ވައުދުތަކަށް އިހުމާލުވެ، ވައުދުތައް ނުފެއްދޭތީ މަސްވެރިން އަނެއްކާވެސް އިހުތިޖާޖު ކޮށްފިއެވެ.
ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި މަސްވެރިން ބޭއްވި އިހުތިޖާޖުގައި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވާ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް އަމަލުކުރެއްވުމަށް މަސްވެރިން ވަނީ ގޮވާލާފައެވެ.
މި އިހުތިޖާޖުގައި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް ވެފައިވާ ވައުދުތައް ލިޔެފައިވާ ބެނާތައް ވަނީ ބޭނުންކޮށްފައެވެ. މި އިހުތިޖާޖުގައި ގިނަ އަދަދެއްގެ މަސްވެރިންނާއި މަސްދޯނިތައް ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން، މަސްވެރިން އިހުތިޖާޖުތައް ކުރިއަސް ސަރުކާރުން އެދެވޭ ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައިނުވާކަމަށާއި މަސްވެރިންގެ ކަންބޮޑުވުންތައް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.
އެގޮތުން ތަކެތީގެ އަގު 3 ގުނަ ބޮޑުވެގެން ދިޔައިރުވެސް މަސްވެރިން ބާނާ މަހުގެ އަގަށް ބަދަލެއް ނުގެންނަ ކަމަށާއި، 160 ރުފިޔާއަށް ބޮޑު ކަންނެލި ކިލޯއެއް ހުރިނަމަވެސް މިއަދު އެ އަގު ހުރީ 40 ރުފިޔާއަށް ވެއްޓިފައި ކަމަށެވެ.
މަސްވެރި ސިނާއަތަށް ސަރުކާރުން އިހުމާލުވަމުންދާނަމަ މި ސިނާއަތަށް ޒުވާނުން ނުވަންނާނެ ކަމަށާއި ފެނިގެންދާނީ ޒަމާނުއްސުރެ ދިވެހިން ކާން ބޯން ކުރަމުން ދިޔަ މަސްވެރިކަމުގެ މަސައްކަތް އެއްކޮށް ނެތިގެންދާނެ ކަމުގެ ބިރު އޮތް ކަމަށް މަސްވެރިން ބުނެފައިވެއެވެ.
މަސްވެރިންގެ ދުވަހާއި ކައިރިކޮށް ރައީސް އިތުރު ވައުދުތައް ވެފައިވީނަމަވެސް މަސްވެރިން ނުހެއްލޭނެ ކަމަށާއި އަމަލީ ގޮތުން ވައުދުތައް ފުއްދުމަށް ސަރުކާރަށް މަސްވެރިން ވަނީ ގޮވާލާފައެވެ.