ސަރުކާރު ޒިންމާދާރު ކުރުވުމަށް ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގައި ޓެކްސީ ޑްރައިވަރުންގެ މައްޗަށް ކުށެއް ސާބިތުވާނެ ހެއްކެއް ނެތްކަން ފުލުހުންވެސް ޤަބޫލުކުރާ ކަމަށް ޑްރައިވަރުންގެ ވަކީލުންގެ ތެރޭގައި ހިމެނޭ އައިކު އަހުމަދު އީސާ ވިދާޅުވެއްޖެއެެވެ.
ޓެކްސީ ޑްރައިވަރުންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ނުކުރުމާއި ގުޅުގެން ޓެކްސީ ޑްރައިވަރުން ވަނީ އިއްޔެ އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ.
މި އިހުތިޖާޖު އިން ހައްޔަރު ކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންގެ މުއްދަތު ކޯޓުން ވަނީ ޖަހާފައެވެ.
ވަކީލު އައިކު ވިދާޅުވީ، ހައްޔަރު ކުރި ޑްރައިވަރުންނަށް ޖުމުލަ 7 ތުހުމަތެއް ކުރާ ކަމަށެވެ. އެ ތިން މީހުން ރަށުގެ އަމަން ނަގާލަން މަސައްކަތް ކުރި ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ވެސް އައިކު ވިދާޅުވިއެވެ. އެކަމާއި ގުޅިގެން ގިނަ ދުވަހަށް މުއްދަތު ޖަހަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެ މީހުންނަކީ މުޖުތަމައު އަށް ނުރައްކަލެއް ކަމަށް ޤަބޫލުކުރަން ދަތި ކަމަށް އައިކު ވިދާޅުވިއެވެ.
މީގެ އިތުރުން، ޓެކްސީ ޑްރައިވަރުންގެ މުއްދަތު ޖަހާދިނުމަށް އެދިފައި ވަނީ އާއްމުކޮށް މައްސަލަތަކުގައި ހެކި ނެތުމުން އެދޭ މާއްދާތަކުގެ ދަށުން ކަމަށް ފާހަގަކުރައްވާ އައިކު ވަނީ އެއީ ފުލުހުން ވެސް މައްސަލައިގައި އެކަށީގެންވާ ހެކި ނެތްކަން ޤަބޫލުކުރާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ ޚިދުމަތުގެ ތެރެއަށް ވަދެ ޓެކްސީ ޑްރައިވަރުންނަށް ދަތި ކުރަމުން ދިޔުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުން ވަނީ ބުދަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.
އަދި ސަރުކާރުން އަންނަނީ ޓެކްސީ ޑްރައިވަރުންނާއި ބައްދަލު ނުކުރުމަށް ދެއްކެން އޮތްހާ އުޒުރެއް ދައްކަމުންކަން ފާހަގަކުރެވެއެވެ.
އިހްތިޖާޖުގެ ބައިވެރިން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އަކީ އިތުބާރު ކުރެވޭ ފަރާތެއް ނޫން ކަމަށާއި އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. ޓެކްސީ ޑްރައިވަރުންގެ އިހްތިޖާޖުގައި ބައިވެރިވި ގިނަ ކާރުތައްވެސް ފުލުހުން ވަނީ ޓޯ ކޮށްފައެވެ.