މި ރިޕޯޓު ފެށުމުގެ ކުރިން ކިޔުންތެރިންގެ ސަމާލުކަމަށް ދަންނަވާލަމެވެ. މި ރިޕޯޓުގެ މަގްސަދަކީ އެއްވެސް ހާލެއްގައި ދުންފަތް ވެސް އަދި ސިނގިރެޓުވެސް ވޭޕުވެސް ޕްރޮމޯޓުކުރުމެއް ނޫނެވެ.
ދުންފަތް ކޮންޓްރޯލްކުރުމަށް މިހާރު ވެސް ގާނޫނުތަކާއި ގަވާއިދުތައް ހެދިފައި އެބަ ހުއްޓެވެ. އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ޖޫރިމަނާތައް އެބަ ހުއްޓެވެ. ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައި ވެސް އެބަ ހުއްޓެވެ. އެ އުސޫލާ ހިލާފަށް އަމަލުކުރާ ނަމަ އެކަމަށް އަދަބުތައް ވެސް ކަނޑައަޅާފައި އެބަ ހުއްޓެވެ. ކުޑަކުދިންނަށް ދުންފަތުގެ ބާވަތްތައް ނުވިއްކަން ވެސް ގާނޫނާއި ގަވާއިދުތަކުގައި ލިޔެފައި އެބަ ހުއްޓެވެ. ވަކިވަކިން ސިނގިރޭޓް ވިއްކުމަކީ ވެސް މަނާ ކަމެކެވެ. ނަމަވެސް ސުވާލަކީ މިއިން އެއްވެސް ކަމަކުން ދުންފަތް ކޮންޓްރޯލް އެބަ ކުރެވޭ ހެއްޔެވެ؟ ނުވަތަ މިއިން އެއްވެސް ގާނޫނެއް ގަވާއިދެއް ތަންފީޒުކުރެވޭ ހެއްޔެވެ؟
މިއަދު މިވާހަކަ ދައްކަން މި މަޖްބޫރުވީ ކަންކަން ހިނގަމުންދާ މަގަށް ނަޒަރު ހިންގާލާއިރު އަނެއްކާވެސް ދުންފަތް ކޮންޓްރޯލުކޮށް ދުންފަތުން ރައްޔިތުން ސަލާމަތްކުރުމަށް ކަމަށްބުނެ ބައެއް ވައްތަރުގެ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓަން މަޖްބޫރުކޮށް އެ ތަކެތި ވިއްކާ އަދި އެތެރެކުރުން ގާނޫނަކުން މަނާކޮށް ތުރާތަކެއް ރައްޔިތުންނަށް ޖައްސަމުންދާތީއެވެ.
އެގޮތުން ވޭޕު މަނާކޮށް ސިނގިރޭޓު އަގު ބޮޑުކުރުމުގެ ފަހަތުގައި އޮތީ ހަގީގަތުގައިވެސް ހެޔޮ ނިޔަތްތޯ ބަލާލާއިރު އެކަމުގެ ފަހަތުގައި އޮތީ ކަންބަޅިއެއްގެ ކެހެރީގައި އޮތް ހިޔަޅު ވިސްނުމެއްކަން ފާހަގަަކޮށްލެވެއެވެ. އެގޮތުން ވޭޕު މަނާކޮށް ސިނގިރޭޓު އަގު ބޮޑުކޮށްވެސް ވިއްކަން ހުއްދަދީގެން ވެރިން މިތިބެނީ ކީއްވެތޯ ރައްޔިތުން ސުވާލު އުފައްދާއިރު އޭގެ ޖަވާބަކީ ސިނގިރޭޓު ވިޔަފާރިވެރިންނާ އެކު ރައީސް މީހާވެސް ޑީލު ހަދާ ޖީބަށް ވަންނަ އާމްދަނީ އިތުރުވާތީއެވެ.
އާދޭހެއެވެ. ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ނަމަ މަނާ ކުރާނީ ވޭޕު ނޫނޭ ބުނަން އެބަ މަޖްބޫރުވެއެވެ. އެހެނީ ދުނިޔޭގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވޭޕު ބޭނުން ކުރުމަށްވުރެ ސިނގިރޭޓު ބުއިމުން ލިބޭ ގެއްލުން މާ ބޮޑުކަމަށް އެ ދިރާސާތަކުން ދައްކާތީއެވެ. އެގޮތުން އެމެރިކަން ކޮންސިއުމަރ އިންސްޓިޓިއުޓު ސްޓަޑީއަކާ ޓޮބެކޯ ޕޮލިސީ ރިޕޯޓު އިނގޭތޯއެވެ. މި ދެ ރިސާރޗުގައިވެސް ދައްކަނީ ވޭޕިން އިޒް އަ ހާމް ރިޑަކްޝަން ޓޫލް، އެންޑް ސަޖެސްޓްސް ބޭންސް، ވިޗް ލީޑްސް ޓު ހަޔަރ ސިނގަރެޓު ކޮންސަޕްޝަން ކަމަށެވެ. އެހެންވީމަ ވޭޕު ބޭނުންކުރުން އެއީ ސިނގަރެޓު ކޮންސަޕްޝަނަށްވުރެ ލެސް ހާމްފުލްކަމެއްކަން އެބަ ހާމަވެއެވެ.
ދެން އޮތީ އިނގިރޭސިވިލާތުގެ ޕަބްލިކު ހެލްތު އިންގްލޭންޑްގެ ދިރާސާއެކެވެ. އެ ސްޓަޑީގައިވެސް މި ބުނަނީ، އޮންގޮއިން ރިސާޗު އަންޑަސްކޯސް ދަ އިިފެކްޓިވްނެސް އޮފް ވޭޕިން އޭޒް އަ ސްމޯކް ސެސެޝަން ޓޫލެއް ކަމަށެވެ. އާދެ، ވޭޕުކުރުމަކީ ސްމޯކާ ދުރު ކުރާނެކަމެއްގެ ގޮތުގައި އިނގޭތޯއެވެ އެކަމަކު މިކަން ނުކޮށް ހުއްޓުވާލީމަ މިވާ ގޮތަކީ އަނެއްކާވެސް ސިނގިރޭޓު ކޮންސަޕްޝަން އިތުރުވެގެންދާކަމަށްވެސް ދިރާސާތަކުން ދައްކައެވެ.
އެހެންކަމުން ހެޔޮ ނިޔަތުގެ ޓެގު އަޅުވައިގެން ސަރުކާރުގެ ވެރިން ވޭޕު މަނާ މި ކުރަނީ ސިނގިރޭޓަށް ޑިމާންޑް އިތުރުކުރުން ނޫންކަމެއްގައި ނޫނެވެ. ރައްޔިތުންނަށް އޮޅުވާލަނީއެވެ. ކޮންމެ ކަމެއްވެސް މަކަރާ އޮޅުވާލުމުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒާ ސަރުކާރުގެ ވެރިން ވެސް ޖީބަށް ބޮޑުކުރަނީއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ދުރުކުރުމަށް މިހާތަނަށް އެޅި ފިޔަވަޅުތަކުން ނަތީޖާއެއް ފެންނާކަށް ނެތެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގައި ހިމަނާފައި ހުރި ފިޔަވަޅުތައް ތަންފީޒުކުރެވޭ ތަނެއް ވެސް ނުމެފެނެއެވެ.
ދުންފަތުން ނަގާ ޓެކްސް އެތައް ފަހަރަކު ބޮޑުކޮށްފިއެވެ. މީގެ އަހަރުތަކެއް ކުރިން ކުރިން 12ރ. އަށް ލިބުނު ސިނގިރޭޓް ފޮށި އެކި އަހަރުތަކުގައި އެކި ފަހަރު މަތިން ބޮޑުކުރި ޓެކްސްތަކާ އެކު މިހާރު ލިބެނީ 250ރ. އިން މަތިންނެވެ. ނަމަވެސް އޭގެ ސަބަބުން ރާއްޖެ އަށް ދުންފަތް އެތެރެކުރާ މިންވަރު މަދެއް ނުވެއެވެ. އަހަރުން އަހަރަށް އެ އަދަދު ދަނީ މަތިވަމުންކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ސަރުކާރަށް އެކަމުން ލިބޭ އާމްދަނީ މިލިއަނުން އަންނަނީ އިތުރުވަމުންނެވެ. މިއި ހަގީގަތެވެ.
މި މަހުގެ 15 އިން ފެށިގެން ވޭޕު ކުރާ ތަކެތި ވިޔަފާރިކުރުމާއި ހިލޭ ބެހުމާއި ބޭނުންކުރުން ވެސް މަނަލެވެ. އެކަންކަން ކޮށްފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރާނެއެވެ. ނަމަވެސް ސުވާލަކީ ދުންފަތް ކޮންޓްރޯލްކުރުމުގެ ނަމުގައި މި ފިޔަވަލުތައް އަޅާ ސިނގިރޭޓުގެ އަގުވެސް އަތް ނުފީރާ ފަށަށް ޖެއްސުމުން ދެން ވާނީ ކިހިނަކުންތޯއެވެ. ޔަގީނެވެ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަން ކުރާނެއެވެ. އެއީ ދެވިހިފާފައިވާކަމެއް ވުމުން ބަނބުކެޔޮ މުލަކަށްވެސް އިހުގައި މީހުން ދޫނިދިން ފަދައިންނެވެ.
ދެން އޮތް ސުވާލަކީ އެހެންވިއްޔާ ރައްޔިތުން އެކަން ކުރާނީ ކިހިނަކުން ބާއެވެ. އާދޭހެވެ. އެހާހިސާބުން ރާއްޖެ ދަތުރުކުރާނީ މީގެ އެތައް އަހަރެއް ކުރިއަށެވެ. 1970ގެ އަހަރުތަކަށެވެ. މި ދަންނަވަނަި އެހާ ހިސާބުން ރައްޔިތުންގެ އިޚުތިޔާރެއްގެ ގޮތުގައި ފަށަނީ ބިޑި އަނބުރައިގެން ދުންފަތު އިސްތިއުމާލުކުރުމަށޭއެވެ.
އެހާ ހިސާބުން މި ގައުމު ފަހަތަށް މެކުހަށް ޖަހާނެއެވެ. ސިނގިރޭޓު މަނާނުކޮށް ވޭޕު މަނާ ކުރަނީ ހެޔޮ ނިޔަތުގައި ނޫންކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އެކަމުގެ ސަބަބުން އެތައް ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވެއެވެ.
އޭގެ ތެރޭގައި އެންމެ ގިނައީ މި ސަރުކާރު ގެންނަން ބުރަކޮށް މަސައްކަތްކުރި ޒުވާނުންނެވެ. ޒުވާނުން ބުނަމުން ދަނީ މިއީ އުއްމީދުކުރިވަރު ހެޔޮ ވެރިކަމެއް ނޫން ކަމަށަ ދެވަނަ ދައުރަކަށް ރައީސް މުއިއްޒު ހުވަފެން ދެކުނު ނަމަވެސް އެކަމާ ދެކޮޅަށް އެ ޒުވާނުން ނުކުމެ ނާކާމިޔާބު ކުރާނެ ކަމަށެވެ.
އެހެންކަމުން ރައީސް މުއިއްޒު މިފަހަރު ހިތުން މެޑަލް ޖައްސަވަން، ރައްޔިތުންނަށް ބިޑި އަނބުރަން މަޖްބޫރުކޮށް މި ކޮންނަނީ ސިޔާސީ ގޮތުން އަމިއްލަ ސަންދޮކަށް އެންމެ ފަހު މޮހޮރުތާއެވެ.