ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ / ރައީސް އޮފިސް
ހަބަރު, ސިޔާސީ
މަސްވެރިންނަށް ދެ ދުވަހުން ފައިސާ ދޫކުރަން ފެށީ ދެކޮޅު ޖެހޭނެ ގޮތަކަށް ނޫން: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
14 ޑިސެމްބަރު 2024
މާލެ ސިޓީ

މި ސަރުކާރުން މަސްވެރިންނަށް ދެ ދުވަހުން ފައިސާ ދޫކުރަން ފެށީ ދެކޮޅު ޖެހޭނެ ގޮތަކަށް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މަސްވެރިން މިފްކޯއަށް ކިރާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ދެން ފައިސާ ޖަމާވަމުންދާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވުމާއި ގުޅިގެންނެވެ.

ރައީސް ޑރ. މުއިއްޒު މިކަން އިއުލާން ކުރެއްވީ މިފަހުން ކ. ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ކުރާ ހަމައެކަނި ކަމަކީ އެކިއެކި ތާރީހުތައް ރައްޔިތުންނަށް ދިނުމާއި ބަހަނާ ދެއްކުން ކަމަށެވެ.

އެގޮތުން ޑރ. މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް ދެ ދުވަހުން ކިރާ މަހަށް ފައިސާ ދޫކުރަން ފެށިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެއީ ވެސް ފުލެއް ނެތް ހައްލެއް ކަމަށެވެ.

ސަބަބެއް ކަމަށް ވިދާޅުވީ ބީއެމްއެލް ހިމެނޭހެން ފިނޭންސް މިނިސްޓްރީއާއި މިފްކޯއަކީ ވެސް އެ ކަމަށް ބޭނުންވާ ފައިސާ ހުރި ތަންތަނެއް ނޫން ކަމަށެވެ. އެހެންވެ، އެއީ ދެކޮޅު ޖެހޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިފްކޯއާއި ދެން އޮތީ ފިނޭންސް މިނިސްޓްރީ. ދެން އޮތީ ބީއެމްއެލް. މި ތިން ތަން ސިންޑިކޭޓްކޮށްގެން ފައިސާ ހޯދާ ވާހަކަ. މިފްކޯއަކީ ބަނގުރޫޓުވެފައި އޮތް ތަނެއް. އެ މީހުން އެ މީހުންގެ ސަޕްލަޔަރުންނަށް ފައިސާ ނުދައްކާ އެ އުޅެނީ. ދެން މިފްކޯއިން ލާނެ ލާރިއެއް ނޯންނާނެ މިއަކަށް، ދެން އޮތީ މިނިސްޓްރީ އޮފް ފިނޭންސް. ފިނޭންސުން އެ އުޅެނީ މި އަންނަ މަހުގެ މުސާރަ ދެވޭނެ ގޮތެއް ނެތިގެން.

- ރައީސް ޔާމީން

މަސްވެރިން އަބަދު ވެސް ފާހަގަކުރާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްކިރާފައި ފައިސާ ޖަމާވާން މާ ގިނަ ދުވަސްވުމެވެ. އެހެންވެ، މަސްވެރިން މި ސަރުކާރު އައި ފަހުން ވެސް ވަނީ އެތައް ފަހަރަކު މުޒާހަރާ ވެސް ކޮށްފަ އެވެ.

ރައީސް މުއިއްޒު ވެރިކަމުގައި ވަނީ މިފްކޯ އިން މަސް ގަންނަ އަގު ވެސް ދަށްކޮށްފަ އެވެ. ކުރިން 25ރ. އަށް ކިލޯއެއް ގަތް މަސް މިހާރު މިފްކޯއަށް ކަނޑުމަސް ކިލޯއެއް ގަންނަނީ 16ރ.-14ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ މަހުގެ އަގު 20ރ. ގައި ބެހެއްޓުމަށާއި މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ޑޮލަރުންފައިސާ ލިބޭނެ ގޮތްތަކެއް ފަހިކޮށްދޭން ވައުދުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved