ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ނިސްބަތުން ގިނަ ގައުމެކެވެ. މިސާލަކަށް، ތަފާސްހިސާބުތައް ދައްކާ ގޮތުން ސުކޫލު މަދަރުސާއަށް ދާ ކުދިންގެ ބެލެނިވެރިންގެ 43 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. އަދި މުޅި ރާއްޖޭގެ އާބާދީގެ ގިނަ މީހުން ނަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދުންފަތުން ލިބޭ ގެއްލުމެއްގެ ޝިކާރަވެރިއެކެވެ.
ދުންފަތަކީ އެތައް ބަޔަކު ބަލިއެނދަށް ދާން ޖެހޭ މައިގަނޑު އެއް ސަބަބެވެ. އެކަމަކު އެ ވަބާއިން ރައްޔިތުން ސަލާމަތްކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް އަދިވެސް ނޭޅެ އެވެ. އެހެންކަމުން މިކަމުގައި ސަރުކާރުގެ އިހުލާސްތެރިކަން ފެންނަން އެބަ ޖެހެ އެވެ. ވަކި ބައެއްގެ ނުފޫޒުގެ ސަބަބުން އާންމު ސިއްހަތަށް ގެއްލުން ހުރި ކަމެއް ކޮށްގެން ނުވާނެ އެވެ. އަދި ދުންފަތް ކޮންޓްރޯލް ކުރުމަށް ރަށު ފެންވަރުގައި ގައުމީ ފެންވަރުގައި ދިރާސާ ކުރަން ޖެހެ އެވެ. ގޮތެއް ނިމި ގާނޫނުތައް އުފަން ކުރަން ވާނީ އޭގެ ފަހުން ނެވެ. ވަށާ ޖެހޭ ދިރާސާތައް ނެތި ހަފްތާއަކުން ނިންމާ ނިންމުމަކުން ދާއިމީ ހައްލަކަށް ވުރެ ބޮޑަށް ލިބޭނީ ވަގުތީ ސިޔާސީ ހައްލެކެވެ.
ދުންފަތަށް ދެވިހިފާފައިވާ މީހަކަށް ސިނގިރޭޓަކުން އެއް ރުފިޔާ ނުވަތަ ދެ ރުފިޔާ އަގު ބޮޑުވުމަކުން މާ ބޮޑު އަސަރެއް ނުކުރާނެ އެވެ. ނަމަވެސް ސިނގިރޭޓް ފޮށި ގަންނަން ޖެހުމުން ކުރަން ޖެހޭ ހޭދައިގެ ސަބަބުން އުނދަގޫވެ، ދުންފަތާ ދުރަށް ދިއުމުގެ ފުރުސަތު ހުޅުވިދާނެ އެވެ. ހާއްސަކޮށް އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާ ޒުވާނުންނަށް ފޮށި ގަނެގެން އެކަން ކުރަން އުނދަގޫވާނެ އެވެ.
ނަމަވެސް މިހާލަތުގައި ދެން އެ ޒުވާނާ އިހްތިޔާރު ކުރަނީ ވޭޕް އެވެ. ވޭޕަކީ ސިނގިރޭޓަށްވުރެ ގެއްލުން ކުޑަ އެއްޗެކެވެ. މީ އިލްމީ ދިރާސާތަކުން ޔަގީންވެފައިވާ ކަމެކެވެ. ނަމަވެސް ހާދަނުގައި މިކަން ވެސް ރައްކާކުރަން ވާނެ އެވެ. ސިނގިރޭޓަށް ވުރެ ގެއްލުން ކުޑަ ނަމަވެސް ވޭޕަކީ އެއްގޮތަކަށް ވެސް ރަނގަޅު އެއްޗެއް ނޫނެވެ. ވޭޕަކީ ވެސް އިންސާނާގެ ހަށިގަނޑަށް އެތައް ގެއްލުމެއް ދޭ އެއްޗެކެވެ. ވޭޕު ހަދަނީ ނިކޮޓިން އަދި އެތައް ހާސް ކެމިކަލެއް ބޭނުންކޮށްގެނެވެ. އެ ކެމިކަލްތަކުގެ ފުރިހަމަ ދިރާސާއެއް އަދިވެސް ނުހެދެ އެވެ.
ކުރިން މިދެންނެވި ސިގިރެޓަށް ވުރެ ވޭޕްގެ ގެއްލުން ކުޑަ ކަމަށް ބުނާ ދިރާސާތައް އެބަހުއްޓެވެ. މި ފަދަ އިލްމީ ދިރާސާ އެއް ވެސް ނެތީ ދިވެހިންގެ ތެރޭގައި އެވެ.
އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް އިން ވެސް ބުނަނީ ސިނގިރޭޓަށް ވުރެ ވޭޕުން ލިބޭ ގެއްލުން ކުޑަ ކަމަށެވެ. ސިނގިރޭޓެއް ރޯކޮށްލުމުން އުފެދޭ ދުންގަނޑު، ވޭޕުން އުފެދޭ ދުމަށްވުރެ ގެއްލުން ކުޑަ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ވެސް ބުނެ އެވެ.
ސިނގިރޭޓަށްވުރެ ވޭޕުން ލިބޭ ގެއްލުން ކުޑަ ކަމަށް ޖޯން ހޮޕްކިންސް މެޑިސިން އިން ވެސް ބުނެ އެވެ. ކެންސާ ރިސާޗް ޔޫކޭ އިން ވެސް ބުނަނީ، ސިނގިރޭޓަށްވުރެ އެތައް ގުނައަކުން ވޭޕުން ލިބޭ ގެއްލުން ކުޑަ ކަމަށެވެ.
ފަންނީ ލެވެލްއެއްގައި މި ވާހަކަ ކިތައްމެ ވަރަށް ދެއްކިއަސް ޕޮލިޓިކަލް ލެވެލްގައި އަހަރެމެން އިންހާބުކޮށްފައި ތިބި މީހުންނާއި ޕޮލިސީ މޭކާސް ލެވެލްގައި މިފަދަ ރިޕޯޓްތައް ކިޔަގެން ނޫނީ އިލްމީ ހައްލެއް ދުންފަތުގެ ވަބާ އަކަށް ނެތެވެ.
ކޮންމެ އަކަސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)ގައި ރާއްޖެ ހިމަނާފައިވާ ދެކުނު އިރުމަތީ އޭޝިއާގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދަށް ބެލިޔަސް، ދުންފަތް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ރާއްޖެ އުޅެނީ އެހެން ގައުމުތަކަށް ވުރެ މާ ފަހަތުގަ އެވެ. އެކަމަކު ދުންފަތް ބޭނުންކުރުމުގައި ރާއްޖެ އުޅެނީ ވަރަށް ކުރީގަ އެވެ. ދުންފަތުގެ ބާވަތްތައް އެތެރެކުރާ މިންވަރާއި ދުންފަތުގެ އިސްތިއުމާލުކުރުން އާއްމުވެފައި އޮތް ދަރަޖަ އާއި ދުންފަތާ ގުޅުން ހުރި ބަލިތަކުގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދުން އެކަން ސާބިތުވެ އެވެ.
ސިގިރޭޓް އެއްލާލައި ވޭޕަށް ދިވެހިން ވެސް ހިޖުރަކުރިކަމުގެ ދިރާސާއެއް ނެތް ނަމަވެސް މިއަދު ޔަގީންވާ އެއް ކަމަކީ، ސިނގިރޭޓު ބުއި އެތައް ބަޔަކު އެކަން ކުރުން ހުއްޓާލުމަށްފަހު، ވޭޕަށް ބަދަލުވި ކަމެވެ.
މި ކަމަށް ބާރު ދެނީ ކަސްޓަމްސްގެ ހިސާބު ތަކުން ނެވެ. އެގޮތުން ކަސްޓަމްސް އިން ފެންނަންހުރި މިދިޔަ ފަސް އަހަރުގެ ހިސާބުތަކަށް ބަލާއިރު، ސިނގިރޭޓުގެ އިމްޕޯޓު ވަނީ އެތައް ޕަސެންޓަކުން ދަށްވެފަ އެވެ. ރާއްޖެއަށް 2018 ވަނަ އަހަރު 465.5 މިލިއަން ސިނގިރޭޓު އެތެރެ ކުރި އެވެ. އެއާ ހިލާފަށް މިދިޔަ އަހަރު އިމްޕޯޓު ކުރީ އެންމެ 350 މިލިއަން ސިނގިރޭޓެވެ. އެއީ 24 ޕަސެންޓުގެ ދަށްވުމެކެވެ.
ހަމަ އެ މުއްދަތުގައި، ވޭޕުގެ އިމްޕޯޓު ވަނީ އިތުރުވެފަ އެވެ. ކަސްޓަމްސް އިން ފޯރުކޮށްދިން ހިސާބުތަކުން ވޭޕާއި ވޭޕް ފްލޭވާ އިތުރު ކުރި އަދަދު އެންމެ ފުރިހަމައަކަށް ނޭނގެ އެވެ. ނަމަވެސް ކަސްޓަމްސްގެ އަހަރީ ރިޕޯޓުތަކުން އެނގޭ ގޮތުގައި ވޭޕް އިމްޕޯޓު ކުރާ މިންވަރު އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ.
މިހާލަތުގައި ކުއްލިއަކަށް ސަރުކާރުން އާމްދަނީ ހޯދުމުގެ ވަސީލަތަކަށް "ވޭޭޕް" މަނާ ކުރުމުން ވޭޕަށް ދެވި ހިފި މީހުނަށް ނަފްސާނީ އަދި ސިއްހީ އަދަބެއް ދެވުނީ އެވެ. ސިއްހީ މާހިރުން ގަބޫލުކުރައްވާ ގޮތުގައި ސިގިރެޓަށް ނުވަތަ ދުންފަތަށް ދެވި ހިފމަކީ ވެސް ބައްޔެކެވެ. އެކަމަށް ދިގުމުއްދަތަކަށް ފަރުވާ ހޯދަން ޖެހެ އެވެ. އެއީ މަޖިލީހުން ފާސްކުރާ ގަވާއިދަކުން ރައީސެއްގެ މޮޅު ސިޔާސީ ސްޕީޗަކުން ހައްލުވާ ވަރަށް ވުރެ މާ ނުރައްކާތެރި ވަބާ އެކެވެ.
ރާއްޖެއަކީ ދުންފަތުގެ ބާވަތްތައް އުފައްދާ ގައުމެއް ނޫން ނަމަވެސް ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިން ބޮޑު ނަފާއެއް މަދު ވިޔަފާރިތަކަކަށް އަދި ހާއްސަކޮށް ދައުލަތުގެ އާމްދަނީ އަށް ލިބެމުންދެ އެވެ. މިހެން މިދެންނެވީ ދުންފަތާއި ގުޅުން ހުރި އެއްޗެހި ރާއްޖެ އެތެރެކުރުން މަނާ ކުރުމުގެ ވިސްނުން ސިޔާސީ ވެރިންގެ ކިބައިގައި ނެތުމެވެ. މި ސަރުކާރުގެ ވެސް ވިސްނުން ހުރީ ގިނަ ބަޔަކު ބޭނުން ކުރާ އެއްޗަކަށް ދުންފަތުގެ ސާމާނު ވާތީ އެތަކެތި އެތެރެކުރަން ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑު ކޮށް ބާޒާރުގައި ދުންފަތުގެ އަގު ރަނަށް ހަދާ އެ ބޭނުން ކުރާމީހުން "ސިކް" ކުރުމެވެ.
ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު މަސްތުވާ އެއްޗަކީ، ކެނަބިސް ފަތުން ނަގާ ތެލެވެ. މާލޭގެ ޖަންގުޝަނު ފެނުން ނެގި ސާމްޕަލްތައް ނަގައިގެން 2019 ވަނަ އަހަރު ހެދި ދިރާސާއިން ވެސް އެކަން ކަށަވަރުވެ އެވެ. ތެޔޮ ބޭނުން ކުރަނީ ސިނގިރޭޓާ އެއްކޮށްގެން ބިޑިއެއް އޮޅައިގެންނެވެ. މިއަދު ތެޔޮ އޮޅަން އެތިބެނީ ބަންގާޅު ރަށު ބިޑީގައި އެވެ.
މިއަދު މި ފެންނަނީ މި ކަމުގެ ހެއްކެވެ.
މިހާރު ވޭޕު ބޭނުން ކުރި ގިނަ ބަޔަކު ފެންނަނީ އަލުން ސިނގިރޭޓަށް ބަދަލުކުރިތަނެވެ. ސިނގިރޭޓު ފޮށީގެ އަގު ނުވަތަ ސިނގިރޭޓެއްގެ އަގު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ބޭނުމަށް ބޮޑުކުރުމުގެ ނަތީޖާ އަކީ ރާއްޖޭގެ ބާޒާރުން ލިބެން ހުރި ކޮލިޓީދަށް ދުންފަތުގެ ބާވަތް ތަކަށް "ޖެން-ޒީ" ހިޖުރަކުރުމެވެ.
ޒުވާޏުންގެ ލައިފްސްޓައިލްގެ ރޫޓިން ބަދަލުވުމުގެ މިއަދުގެ ނަތީޖާއަކީ ޒުވާނުންގެ ޕްރޮޑަކްޓިވިޓީ ގެއްލުމެވެ. މިއަދު ސަރުކާރުގެ ވެރިން ކެމަލް ލައިޓް ނުވަތަ މަލްބަރޯ ބޯން ކެފޭތަކުގައި ތިއްބަސް ދިވެހި ގިނަ ޒުވާނުން އެތިބެނީ ރަށު ބިޑި ވެފައި އެވެ. ބަންގާޅު ބިޑި ވެފަ އެވެ. އިތުރަށް ހާލަތު ނުރައްކަލަށް ވައްޓާލީ އެވެ.
ގައުމެއްގެ ހައިސިއްޔަތުން ބަލާނަމަ ވޭޕް މަނާ ކުރަން ނިންމި ނިންމުމުގެ ފަހަތުން ނުބައި ޓްރެންޑަކަށް ދުންފަތުގެ ކަންތައްތައް ގޮސްފި އެވެ. ކުރިއަށް އޮތް ޖީލަށް. މިހާރު ފުރާވަރުގެ ކުދިން މި ސަރުކާރުން ދިނީ އިލްމީ ހަގީގަތެއް ނެތް މާލީ މަންފާއަށް ބުރަވެފައިވާ ވަގުތީ "ސިޔާސީ ގާނޫނީ" ހައްލެކެވެ. ދިވެހިންނަށް ހާއްސަކުރެވިގެން އިލްމީ ދިރާސާއެއް ނުކުރެވި، ދުންފަތުގެ ނުރައްކަލުން ސަލާމަތްވުމުގެ ފިޔަވަޅުތައް ކާމިޔާބުކުރެވިދާނެ ކަމަކަށް ނުބެލެވެ އެވެ.
އަދި އެއް ވާހަކަ އެވެ.
ސިނގިރޭޓު ފޮށްޓެއް ގަންނައިރު ހުދު އެ ފޮށީގައި ވެސް އެކަމުގެ ގެއްލުން ދައްކުވައިދޭ މަންޒަރުތައް ފެންނަން ހުރެ އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ އޭނާ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވާލަން ހިތްވަރުދީ ބާރު އަޅައިދޭ ކަމަކަށް ނުވެ އެވެ. އެއީ، އޭނާގެ ހިތައް އެކަމުގެ ގެއްލުމުގެ ވާހަކަތައް ވިސްނެން ދެންނެވެ. އޭނާގެ ކަންފަތަށް އެ ވާހަކަތަކުގެ އަޑު އިވެން ދެންނެވެ. އަދި އޭނާގެ ލޮލަށް އެކަމުގެ ގެއްލުމާ ބެހޭ މަންޒަރުތައް ފެންނަން ދެންނެވެ.