ޑޮލަރުގެ އަގު ތިރިއަށްދާނެ ކަމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ބުނިތާ އަހަރެއް ވެގެން ދިޔައިރު ވެސް ޑޮލަރު އަގު ތިރިނުވެ، ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 20ރ. އަށް ވުރެ މައްޗަށް އުފުލިއްޖެ އެވެ.
މި ދުވަސްކޮޅު ޑޮލަރުގެ އަގު އިތުރަށް އުފުލެން ދިމާވި ސަބަބަކީ ޑިސެންބަރު އުމުރާއަށް އަދި އަންނަ ސުކޫލު ބަންދަށް ޑޮލަރަށް އޮތް ޑިމާންޑު އިހުނަށްވުރެ، ބޮޑުވުމެވެ.
ޑިސެމްބަރު މަހުގެ ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު އުމްރާއަށް ދެ އެވެ. މީގެ ކުރިން ބައެއް މަސްމަހު 4،000 އަށް ވުރެ ގިނަ މީހުން ވެސް އުމްރާއަށް ގޮސްފައިވެ އެވެ. ފަހުގެ ތާރީހެއްގައި އުމްރާގެ އަޅުކަމަށް ރާއްޖޭން އެންމެ ގިނަ މީހުން ފުރާ އެއް މަހަށް މި ޑިސެމްބަރު ވާނެ ކަމަށް ބެލެވެ އެވެ.
މީގެ ބާރަ މަސްކުރިން ބާޒާރުގައި، ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި ހުރީ 17ރ. އަށެވެ. ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރާ އެކި ރޭޓުތައް ކުއްލިއަކަށް ވަނީ އިތުރަށް އުފުލެން ފަށައިފަ އެވެ. މިހާރު އަގުތައް ހުރީ 19.50 އާއި 20.00 ރުފިޔާއާ ދެމެދުގަ އެވެ. އަދި ބައެއް ބްލެކް މާކެޓް އޮންލައިން ޕޭޖްތަކުން އަންނަނީ 20.10ރ. އަށްވެސް ޑޮލަރު ވިއްކަމުންނެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15:42ރ އެވެ. ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އަކީ، ޑޮލަރުގެ ތާށިކަން އަންނަ ދުވަސްވަރު ފައިސާގެ މާރުކޭޓްގެ ކޮންޓްރޯލް ހޯދޭ ފަދަ ގާބިލް އިދާރާއަކަށް ނުވާތީ، ޑޮލަރުުގެ މުއާމަލާތް ހިންގަނީ އަބަދުވެސް ކަޅު ބާޒާރުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައި އެވެ. އަދި ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ސަރުކާރަށް 13 މަސް ވީއިރު ރައީސް އެ ވިދާޅުވާ ހާލަތު އަދި އުފަން ނުވެ އެވެ. ޑޮލަރުގެ އަގު ހެޔޮނުވެ ފަތުއަޑު ކިޔައިފާ ދަނީ ބޮޑު ވަމުން ނެވެ. މުޅި ސަރުކާރާއި ދައުލަތް ޑޮލަރަށް ޖެހި "ސައިޒް" ވަނީ އެވެ. ޑރ. މުއިއްޒުގެ ޑޮލަރު ވައުދު ވެސް ވީ ޖަމަލުޖެހިފޮޑިއަށެވެ.