
ސަރުކާރުން އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ސަސްޕެންޑްކޮށްގެން އެއުޅުއްވަނީ ރައީސް މުހައްމަދު މުއިއްޒު، ޒުވާނުންގެ ވުޒާރާގެ ކުރިގެ ނައިބު މަރިޔަމް ޝިއުނާ ސަންޕެންޑްކުރިހެން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އިއްޔެގެ ވަގުތެއްގައި ފެންމަތި އެޗްޑީސީގެ ލިޔުންތަކެއް ފޯޖުކުރި މައްސަލައަކާ އަދި އެ މައްސަލައިގެ ތެރެއިން ތިލަވި ފަޒުލްގެ ބޭބެއަށް ގޯއްޗެއް ދީފައި އޮތް މައްސަލައެއްގައި މައްސަލަ ބަލާ ނިމެންދެން މުސާރަ ހިނގާހެން ފަޒުލް، ފަޒީލު އަދި އެޗްޑީސިގެ ބޯޑުވެސް ސަސްޕެންޑްކުރިކަމަށް ސަރުކާރުން އިއުލާންކުރިއެވެ. ނަމަވެސް އެއީ ހަމަ ސީދާ ރައްޔިތުންގެ އަނގަ ބަންދުކުރުމަށް ކުރިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނެފައިވެއެވެ.
އެޗްޑީސީގެ ބޯޑަށް ނޭނގި އެވަރުކަމެއް ނުހިނގާނެކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައި އެކަންކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، ފުލް މުސާރައާއި އިނާޔަތްތަށް ލިބޭހެން ފަޒުލް ސަސްޕެންޑުކުރީ މީގެ ކުރިން ނައިބު ވަޒީރުންތަކެއްވެސް ސަސްޕެންޑް ކުރި އުސޫލުން ކަމަށެވެ. އެހެންކަމުން 7 މަސް ފަހުން ކުރިއަށް ވުރެ މުސާރަ ދެގުނަ އިތުރު ބޮޑު މަޤާމެއް ދޭނެ ކަމާ މެދު ޝައްކުނުކުރައްވާ ކަމަށާ ރާޖޫ މާލޭގެ ވައްކަންވެސް ކުރިއަށް ދިޔައީ އެޗްޑީސީ ތެރެއިން ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ. އަދި އެކަންކަން ރައީސް މުއިއްޒަށް ފަސޭހަ ނުވާނެ ކަމަށްވެސް މަލީހު ފާހަގަކުރެއްވިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ ފަޒީލް ހިމެނެނު ނަމަވެސް އުސޫލުގެ ދަށުން އޭނާގެ ޝަރުތުހަމަނުވާ ކަމަށް އޮތީ ކަނޑައަޅާފައެވެ. އޭނާއަށް ގޯތި ނުލިބުނީ ސަރުކާރުން ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީއެވެ.
މީސް މީޑިއާގައި އާންމުވެފައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ގޮތަށް އެޗްޑީސީން ދިން ގޯތިތަކެއްގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ. މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.










