ޗޯރު އިބޫ ކިޔަމުން ވެރިކަމަށް އައި މީހުން ވީ ވަކި ކޯއްޗަކަށްތޯ އައްސަވާ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ސުވާލެއް ސަރުކާރުގެ ވެރިންނަށް އަމާޒުކުރައްވައިފިއެވެ.
ޑރ ޖަމީލު މިފަދަ ގޮތަކަށް ސުވާލު އަމާޒުކުރެއްވީ ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ވައްކަންތައް ކޮށް ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާތީއާ އަދި ގައުމިއްޔަތު މިނިސްޓާރު އާދަމް ނަސީރު ކުރެއްވި އެކްސް ޕޯސްޓަކަށް ރައްދުދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު އާދަމް ނަސީރު ވިދާޅުވެފައިވަނީ އެޗްޑީސީގެ ތެރޭގައި ހިނގައިގެން އުޅޭ ކަމުގައި ރައީސް މުއިއްޒުގެ ސަރުކާރުގައި ނަހަމަ ފައިދާއަށް، ކޮރަޕްޝަނަށް ފުރުސަތު ނެތް ކަންކަމަށެވެ. އަދި ރައްޔިތުން އިތުބާރުކުރަނީ އެމަނިކުފާނުގެ އަޒުމަށާ މާތް އަޚްލާޤަށް ކަމަށްވެސް ވަޒީރު އާދަމް ވިދާޅުވެފައިވެއެވެ.
މި ވާހަކައަށް އިޝާރަތްކުރައްވާ ޑރ ޖަމީލު ވިދާޅުވީ، މިހެން ކިތައް ވައްކަން ހިނގައިފި ތޯއާ މިނިވަން ތަޙްގީގެއްކޮށް ފަޒުލްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލާފިތޯ ކަމަށެވެ. މަޖިލީހުގައި ފަޒުލް ހާޒިރުކޮށްގެން ކުޅުނީ ޑްރާމާ ކަމަށާ އޭނާ ފުރުވާލަނީ ކަމަށްވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ. ހަމައެހެންމެ މުޅި ސަރުކާރުތެރޭ ވައްކަން އާންމު ވިއިރު އެކަން ހުއްޓުވަން ސަރުކާރުގެ ވެރިން އެޅީ ހަރުދަނާ، ގާނޫނީ ކޮން ފިޔަވަޅެއް ކަމާ މެދު ޑރ ޖަމީލު ސުވާލު އުފައްދަވައިފައިވެއެވެ.
ނިކަން ވިސްނަވާ މިތިބަ ބޭފުޅުންގެ ވިސްނުން ހުރި ހިސާބު؟
— Mohamed Jameel Ahmed (@MJameelAhmed) December 19, 2024
ކިތައް ވައްކަން ހިނގައިފި؟ މިނިވަން ތަޙްގީގެއްކޮށް ފަޒުލްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލާފިތޯ؟ މިހާރު މަޖްލިހުގައި އެކުޅެނީ ޑްރާމާ، އޭނާ އެފުރުވާލަނީ ނޫންތޯ؟ މުޅި ސަރުކާރުތެރޭ ވައްކަން އާންމު ވިއިރު އެކަން ހުއްޓުވަން… https://t.co/HVs5weSLGC
މީގެ އިތުރުން ސަރުކާރުގެ ކުންުފނިތަކުގެ ތެރެއިން އެޗްޑީސީ، ފެނަކަ، އެސްޓީއޯ، އެފްއެސްއެމް، އެމްޕީއެލް އަދި ހައުސިންގ މިނިސްޓްރީގެ، އިތުރުން ޓްރާންސްޕޯޓް ވަޒީރުގެ މައްޗަށް ފެށުނީއްސުރެ ކިތައް ތުހުމަތު އެބައޮތްތޯއާ ގާނޫނީ ކޮންފިޔަވަޅެއް އެޅުނުތޯ އައްސަވާވެސް ޑރ ޖަމީލު ވަނީ ސަރުކާރަށް ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.
މީގެ އިތުރުން ރައީސް މުއިއްޒުއާ ރަސްމާލެ ޕްރޮޖެކުޓާ ގުޅުން އޮތްކަމަށްވާ ރާޖޫއާ ގުޅޭ ބޮޑު ތުހުމަތުތަކެއް އޮތްކަން ވެސް ފާހަގަކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވީ ދައުލަތަށް 55 ވަރަކަށް މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ނޫމަޑި މައްސަލާގައި ސީދާ ރައީސް މުއިއްޒަށް އޮތް ބޮޑު ކޮރަޕްޝަންގެ ތުހުމަތު ކޮބާތޯ ކަމަށެވެ. އެހެންކަމުން ޗޯރު އިބޫ ކިޔަމުން، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން މިއަދު ރައީސް މުއިއްޒު މިވީ ކޯއްޗަކަށްތޯ އައްސަވާ ޑރ ޖަމީލުވަނީ މި ސަރުކާރުގައި ވައްކަންތަކުގެ ދައުވާއެއް އުފުލީ ކާކަށްކަން ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް މުއިއްޒުއަކީ ދޮގު ހެކި ދީފައިވާ، ބޮޑެތި އެތަކެއް ވައްކަމުގެ ތުހުމަތުތަކެއް ކުރެވޭ، ފާޅުކަން ބޮޑުކޮށް އެތައް ދޮގެއް ހަދަފައިވާ މީހެއްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ އެހެންއެކަންކަން ހުރިއިރު މިތާގައި ރައީސް މުއިއްޒު ކުރިއަރުވަނި ރަސޫލާ (ޞޢޥ)ގެ ނުވަތަ 4 ޚަލީފާއިންގެ ކޮން އަޚްލާގީ ސިފައެއްތޯ ކަމާ ކޮން މާތް އަޚްލާގެއްތޯ ކަމަށްވެސް ސުވާލުކުރައްވާފައެވެ. އަދި ސަރުކާރުގެ ދިފާއުގައި ރައްޔިތުންނަށް އޮޅުވާލަމުން ގެންދާ ސިޔާސީ މުވައްޒަފުން ސަރުކާރު ބަދުނާމުވިޔަ ނުދީ ފަތުރަމުންދާ ދޮގު ވާހަކަތައް ވެސް ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ވަޒީފާގެ އަޅުންގެ ދޫ ވަރަށް އޮމާންވާނެ ކަމަށެވެ.