20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު އިއުލާނު ކުރުން ފަސްކޮށްފިއެވެ.
މަޖިލިސް އިންތިހާބުގެ ތާރީޚު އިއުލާނުކުރުން އިލެކްޝަން ކޮމިޝަންއިން ފަސްކޮށްފައިވާކަން ހާމަކޮށްފައިވަނީ އާދިއްތަ ދުވަހު އެ ކޮމިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ކުރިން އާދިއްތަ ދުވަހު އިއުލާންކުރަން އޮތް ތާރީޚު އިއުލާންކުރުން ފަސްކޮށްފައިވަނީ އީސީއަށް ލިބިފައިވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޓީއަކާ ގުޅިގެންނެވެ. އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީގެ ފަރާތުން އެ ކޮމިޝަނަށް ސިޓީއެއް ލިބިފައިވާތީ އިންތިހާބު ބާއްވާނެ ތާރީހު އިއުލާނު ކުރާނީ އެ ޕާޓީއާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް އީސީއިން ވަނީ ހާމަކޮށްފައެވެ.
ގާނޫނު ބުނާ މުއްދަތުގައި އިންތިހާބު ބާއްވަން ބަލާއިރު ރޯދަ މަހާ ދިމާވާތީ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނައުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައިވެސް އީސީއިން ވަނީ އެދިފައެވެ.
މަޖިލީހުގެ ހިނގަމުންދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހެ އެވެ. އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އިންތިހާބަށް ކުރިމަތިލާ މީހުން އިއުލާނުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ.
އެހެންކަމުން ގާނޫނާ ބުނާ ތާރީހުތަކާ މިފަހަރު ދިމާވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާއެވެ. އެހެންކަމުން ރޯދަ މަހު މި އިންތިހާބު ބާއްވާނަމަ ކެންޑިޑޭޓުންގެ ކެމްޕޭނުގެ ކަންކަމާއި އަދި އެ ކޮމިޝަންގެ މުވައްޒަފުން މަސައްކަތް ކުރުމަށް ވެސް ބޮޑެތި ދަތިތަކާއި އުނދަގޫތައް ކުރިމަތިވާނެ ކަން އީސީއިން ވަނީ ފާހަގަކޮށްފައެވެ.
މިކަން ބޮޑުވުންތައް ހުރުމާއެކު ޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. މިކަންކަމާ ގުޅިގެން އީސީއިން ވަނީ ސިޔާސީ ޕާޓީތަކާ އެކުވެސް މަޝްވަރާކޮށްފައިކަން ފާހަގަކޮށްލެވެއެވެ.