February 21, 2026
Advertisement
މައުރޫފް
މައުރޫފް / ސޯޝަލް މީޑިއާ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މައުރޫފް ޖަމީލް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 22, 2024, 04:23 PM
މާލެ ސިޓީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މައުރޫފް ޖަމީލް މިއަދު އައްޔަންކޮށްފި އެވެ.

Advertisement

މައުރޫފް ޖަމީލަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ވަރަށް ގިނަ ދުވަސް ވަންދެން، އެ ތަން ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.

ހުޅުލޭ ފަޅު ހިއްކައި ހުޅުމާލެ ތަރައްގީކުރުމުގެ ޕްރޮޖެކްޓުގައި މައުރޫފް އިސް ދައުރެއް އަދާކުރެއްވި އެވެ. އޭނާއަކީ އާކިޓެކްޓެކެވެ. އަދި, ރާއްޖޭގެ ހިރިގަލުގެ މިސްކިތްތަކާއި ރިސޯޓުތަކުގެ އާކިޓެކްޗާއާ ގުޅޭ ރިސާޗު ވެސް ކުރައްވާ ބޭފުޅެކެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަންކުރައްވާފައިމިވަނީ ކުރިން އެމަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ރޭ އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ފަޒުލް އިސްތިއުފާ ދެއްވީ، ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަމުންދަނިކޮށެވެ. މި މައްސަލައިގައި ފަޒުލްގެ ބޭބެއަށް ބިންވެރިޔާ ސްކީމުން ގޯއްޗެއްގެ ރެޖިސްޓްރީއެއް ހަދާފައިވާ މައްސަލައެއްވެސް ފެންމަތިވި އެވެ.

މީގެއިތުރުން މިމައްސަލައިގެ ތަހުގީގަށް 20 މީހަކު ފުރުން މަނާކޮށް ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފަ އެވެ. އޭގެތެރޭގައި ފަޒުލް އަދި އޭނާގެ ބޭބެވެސް ހިމެނެ އެވެ. މަގާމުން އިސްތިއުފާ ދެއްވިއިރު ފަޒުލް ހުރީ ސަސްޕެންޑްވެސް ކޮށްފަ އެވެ.

އިސްތިއުފާގެ ސިޓީގައި ފަޒުލް ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved