އެޗްޑީސީ މައްސަލައިގައި ހިމެނޭ މީހުންގެ މުއާސަލާތީ ވަސީލަތް ނުހިފަހައްޓާތީ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.
ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަންސް (އެޗްޑީސީ)ގެ ތެރެއިން ހިންގާފައިވާ ބޮޑު ވައްކަންތައް ކުރަމުން ދަނިކޮށް އެކަން ރައްޔިތުންނަށް ފަޅާއެރުމުން އެކަން އޮއްބާލަން ސަރުކާރުން ވަރަށް މަސައްކަތްކުރަމުން ދާތީ އެކަމަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ އެ މައްސަލަ ބެލުމުގައި ސަރުކާރުގައި ހެޔޮ ނިޔަތެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. އެގޮތުން ފުލުހުން މެދުވެރިކޮށް ރައީސް މުއިއްޒު އެ ގެންދަވަނީ ޑްރާމާއެއް ކުޅުއްވަމުންކަމަށާ އެކަން ރައްޔިތުންނަށް މިހާރު ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން އެޗްޑީސީ މައްސަލައިގައި ފުލުހުންގެ އިޚްލާސްތެރި ނިޔަތެއް ތަހުގީގުކުރުމުގައި ނެތް ކަމަށާ އެކަން ހާމަވާ އެއް ގޮތަކީ ތުހުމަތު ކުރެވޭ މީހުންގެ މުއާސަލާތީ ވަސީލަތްތައް ސީޒްނުކުރާ ނުކުރުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެޗްޑީސީ މައްސަލައިގައި ފުލުހުންގެ ސީރިއަސްކަމެއް ނެތް. އެކަން ހާމަވޭ އެޗްޑީސީ މައްސަލައިގައި ހިމެނޭ މީހުންގެ މުއާސަލާތީ ވަސީލަތް ނުހިފަހައްޓާތީވެސް. އެދެނީ ހެކި ނައްތާލަން ފުރުސަތު ނޫންތޯ؟ ނަމަވެސް ސަރުކާރުން ޖަހަމުންދާ ޗައްކަރު އަދި ކުޅެމުންދާ ޗަރުކޭސް މިހާރު ރައްޔިތުންނަށް އެނގޭ
ރައީސް ޔާމީން ވަނީ ކޮރޮޕްޝަންގެ ކަންކަމުގައި ރައީސް މުއިއްޒު ފިޔަވަޅު އެޅުއްވުމުގައި ތަފާތުކުރުން ގެންގުޅޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެންސްޕާގެ ތެރެއިން ޓީވީ ސްޓޭޝަންއެއް އުފައްދަން ކުރި ޚަރަދު ނޭނގޭ ކަމަށް ވިދާޅުވެ އެކަމުން ބޯދަމައިގަނެގެން ރައީސް މުއިއްޒު އެ ހައްދަވަނީ އިތުރުފުޅު ކަމަށާ މިއަދު ރައީސް މުއިއްޒަށް ގޮތް ހުސްވެ އެއް ދޮގު ފޫބައްދަން ހާސްދޮގު ހަދަމުންދާކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.