ނުއަގުގައި ބިން ވިއްކީ އެންމެންނަށް އެނގިގެން، ނުކެރުނީ ފިޔަވަޅު އަޅަން ކަމަށް ރައީސް ޔާމީން ވިދާޅުވި / ތޭރަ އޮންލައިން
ހަބަރު, ސިޔާސީ
ނުއަގުގައި ބިން ވިއްކީ އެންމެންނަށް އެނގިގެން، ނުކެރުނީ ފިޔަވަޅު އަޅަން: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
23 ޑިސެމްބަރު 2024
މާލެ ސިޓީ

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހިންގި ގޯތި ވައްކަމުގެ މައްސަލަ އަކީ "އެންމެންނަށް އެނގިގެން" ހިނގާފައިވާ ކަމެއް ކަމަށާއި ނަމަވެސް ސަރުކާރަށް ނުކެރުނު ކަމަކީ އެއްވެސް މީހަކަށް ފިޔަވަޅު އަޅަން ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ނުހައްގުން ގޯތިތަކެއް ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލަތަކުގައި އެންމެ ބޮޑު ތުހުމަތެއް އަމާޒުވަނީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށެވެ. ނުހައްގުން ގޯތި ލިބުނު މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ވެސް ހިމެނެވެ. އެ މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ހުއްޓައި މިދިޔަ ހޮނިހިރު ދުވަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އެޗްޑީސީ އާއި ހައުސިން މިނިސްޓްރީ ތެރެއިން ހިންގި މުއާމަލާތްތަކަކީ ސަރުކާރުގެ ވެރިންނަށް ނޭނގި ހިންގޭނެ މުއާމަލާތްތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، މިއީ "އެންމެންނަށް އެނގިގެން" ހިނގާފައިވާ ނަމަވެސް އެއްވެސް މީހަކަށް ފިޔަވަޅު އަޅަން ނުކެރުނު މުއާމަލާތްތަކެކެވެ.

"ހުރިހާ ވަޒީރުންނަށް އެނގޭ. މިއީ ހިނގާ ކަމެއް. އެންމެންނަށް އެނގޭ ކަމެއް. މިއީ ނޭނގި އޮތް ކަމެއް ނޫން. އެހެން ނަމަވެސް އޮޅުވާލަންވެގެން މި ހުރިހާ ކަމެއް އޮޅުވާލާއިރު، މި ދެންނެވިހެން އަދި މީގައި ވަށާޖެހޭ ޖަވާބު ލިބެން ޖެހޭ އެތައް ބައިވަރު ސުވާލެއް އެބަހުރި ޖަވާބު ނުދީ. މިއަކަށް ޖަވާބެއް ނުދެވޭނެ. މި ލާރި ހަމަ ގައިމު ދައުލަތަށް ވައްދާފައި ހުރެއްޖެ ނަމަ އެ ލާރި ފިނޭންސް މިނިސްޓްރީއަށް ވަދެފައި ހުންނާނީ. މިނިސްޓްރީއަށް ފެންނާނެ މިއީ ކިތައް އަކަފޫޓުގެ ބިމެއް ވިއްކާލައިގެންތޯ. ހިސާބުކޮށްލާއިރު 3،000ރ.އަށް އަކަފޫޓެއް. މާކެޓު ރޭޓަށް ބަލާއިރު މި އުޅެނީ 15،000ރ. އާއި 14،000ރ.އަށް،"

- ބިން ވިއްކުމުގައި ހުރީ ގޯސް ހަދާފައި ކަމަށް ތުހުމަތު ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ނުއަގުގައި ހުޅުމާލޭން ބިންތައް ވިއްކި މައްސަލާގައި ދައުލަތަށް ވަންނަން ޖެހޭ ފައިސާގެ އަދަދު މަދުވުމުން އެކަން ވެސް ފިނޭންސް މިނިސްޓަރަށް އެނގެން ވާނެ އެވެ.

ގޯއްޗާއި ފްލެޓުގެ ހިޔާނާތުގެ މައްސަލާގައި ބައެއް މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، އެ މީހުންގެ މުވާސަލާތީ ސާމާނު ފުލުހުން ހިފަހައްޓާފައި ނުވާތީ އެކަމާ ވެސް ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ރައީސް ޔާމީން ވިދާޅުވީ މިއީ ހެކި ނައްތާލަން ދޭ ފުރުސަތެއް ކަމަށެވެ.

މިހާރު ކުރިއަށްދާ ބިންވެރިޔާ ސްކީމުގެ ތަހުގީގަށް ފަޒުލް ހިމެނޭހެން 20 ފަރާތެއްގެ ޕާސްޕޯޓު ފުލުހުން އެދިގެން ހިފަހައްޓާފައިވާއިރު ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމު ހިންގެވުމުގައި އެންމެ އިސްކޮށް ތިއްބެވި ހަތަރު ބޭފުޅުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފަައިވެ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved