ދިވެހި ސަރުކާރުގެ އެކި އެކި މަގާމުތަކުގައި ތިބި ގިނަ ބަޔަކު އިސްތއިފާދެމުންދާ މި ދަނޑިވަޅުގައި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ސިޔާސީ މަޤާމެއްގައި ހުންނެވި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ވެސް އޭނާ ހުރި މަޤާމުން އިސްތިއުފާ ދެއްވައިފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ނަމަވެސް އޭނާ އިސްތިއުފާ ދިން ސަބަބެއް އަދި ހާމަވެފައިނުވެއެވެ.
ސީޒަން އިސްތިއުފާ ދީފައިވާއިރު މި ދުވަސްވަރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ވެރިން ވެސް ގެންދަނީ ދާދި ގާތްގާތުގައި އިސްތިއުފާދެމުންނެވެ.
އެގޮތުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ އެގްރިކަލްޗަރ މިނިސްޓަރު ޑރ.ރަމީލާއެވެ. އެއަށް ފަހު ފިއުލް ސަޕްލައިގެ އެމްޑީގެ މަގާމުގައި ހުރި އިސްމާއިލް ސުހެއިލް އިސްތިއުފާ ދިންތާ ދެ ހަފްތާ ފަހުން ޕީއެސްއެމްގެ އެމްޑީއަކަށް ހުރި މުހައްމަދު ސައީދު އިސްތިއުފާދީފައިވެއެވެ. އޭގެ ފަހުން ތިން ދުވަސް ނުވެ އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުރި އިބްރާހިމު ފަޒުލް ރަޝީދުވެސް ވަނީ އެ މަގާމުން އިސްތިއުފާދީފައެވެ. އަދި އޭގެ އެއް ދުވަސް ފަހުން، މިއަދު ފެނަކަ އެމްޑީގެ މަގާމުގައި ހުރި މުއާޒު މުހައްމަދު ރަޝީދުވެސް ވަނި އިސްތިއުފާދީފައެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ އިސްތިއުފާގެ ސީޒަންއެކެވެ.
ގިނަ ބަޔަކު މިހާރު އިސްތިއުފާ ދެމުން ދަނި ރައީސް މުހައްމަދު މުއިއްޒު ކޮރަޕްޝަނަށް ދެއްވާ ޒީރޯ ޓޮލަރެންސްގެ ދަށުން ކަމަށް ސަރުކާރު ޕްރޮމޯޓުކުރާ މީހުން ބުނި ނަމަވެސް ގިނަ ދިވެހި ރައްޔިތުން ބުނާ ގޮތުގައި އެ ފަދަ ވައްކަންތައް ކުރުވަނި ސީދާ ރައީސް މުއިއްޒުކަމާ، ރައްޔިތުންނަށް ކަންކަން ހާމަވުމުން އެހެން މީހުން ގުރުބާން ކަންބަޅީގެ ގޮތުގައި ކަތިލަނީ ކަމަށެވެ.