ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.
ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި، މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ބުރު ނިމެންދެން ވެސް އެމްޑީޕީގައި ހުންނެވި ނިހާދު ވަނީ، އެމްޑީޕީގެ ލީޑާޝިޕް އިސްވެ އޮވެ، ރާއްޖޭގައި ހިންގާ މަތީ ފަންތީގެ ބައިނަލްއަގުވާމީ ބްރޭންޑުތަކުގެ ރިސޯޓުތަކަށް އަމާޒުކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރާވާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަަކަށް ނިހާދު ހަމަޖެއްސުމާއި އެކު އެކި ފޯރަމް ތަކުގައި ރައީސް މުއިއްޒުއަށް ސަނާ ކިޔަމުން އަންނަ ނިހާދު ސަސްޕެންޑުކޮށްފައިވާކަން ސަރުކާރުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
އެމްޑީޕީގައި ހުރެ ކުއްލިއަކަށް ނިހާދު ރައީސް މުއިއްޒުއަށް ސަނާ ކިޔަން ފެށުނީ އޭނާ ކީ އަގު ދީ ސިޔާސީ "ބާޒާރުން" މުއިއްޒު އޭނާ ގަނެލުމުން ނެވެ. އެދުވަހަށްފަހު އެކި ސިޔާސީ އެއްވުންތަކުގައި ކިޔޭ ނުކިޔޭއެއް ހުދު ނިހާދުއަށް ވެސް ނޭގޭ ވަރަށް އޭނާ އަންނަނީ "ގަޅި ޖެހެމުން" ނެވެ.
މިފަހުން ޕީއެންސީ ޖަލްސާތަކުގައި ހަގީގަތާއި ހިލާފް ވާހަކަ ދައްކާ ވާދަވެރި ސިޔާސީ ޕީޓީތަކުގެ ވެރިން ބަދުނާމު ކުރުމަށް ރޭވިގެން އަންނަނީ އޮޅުވާލުންތައް ހިމެނޭ ދޮގާ މަކަރު ވެރި ސިޔާސީ ވާހަކަ ދައްކަމުން ނެވެ.
ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނިހާދު ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ އައްޔަން ކުރެއްވީ މި އަހަރުގެ ޖުލައި މަހު އެވެ.
ނިހާދުގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 43,500ރ. ދައުލަތުގެ ބަޖެޓުން ހަރަދުކުރެ އެވެ. އެއީ އަހަރަކަށް 522،000ރ. އެވެ.
ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލުމަށް އެމްޑީޕީން ގޮވާލާފައިވެ އެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކަށް ގޮވާލާފައިވެ އެވެ.