

ހައްޖަށް ފޮނުވުމަށް ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ކޯޓާއިން، ފުރަތަމަ ފަހަރަށް ހައްޖަށް ދާ މީހުންނަށް އިސްކަން ދިނުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެދިވަޑައިގެންފި އެވެ.
މިނިސްޓަރު ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ފަރުލު ހައްޖު އަދާކޮށްފައި ތިބޭ ފަރާތްތަކަށް ދެވަނަ ހައްޖެއް ކުރެވޭނީ ހައްޖުކުރާތާ ފަސް އަހަރު ފަހުން ކަމުގައި ބައެއް ގައުމުތަކުގައި އުސޫލުތައް ހަދާފައި ހުންނަ ކަމަށެވެ.
މިއީ ފަރުލު -- ފުރަތަމަ ހައްޖުކުރަން އެދޭ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކުރާކަމެއް ކަމަށް ވިދާޅުވި އެވެ.
މިފަދަ ކަމެއް ރާއްޖޭގައި ކުރުމާ މެދު ތިޔަބޭފުޅުންގެ [އާންމުންގެ] ހިޔާލުފުޅަކީ ކޮބައިތޯ،
މިނިސްޓަރު ވިދާޅުވީ އެއީ މުހިއްމު ކަމެއް ކަމަށާއި އެހެންވެ، އުސޫލަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަ ކަމަށެވެ.
ސައުދީގައި އުސޫލު އޮންނަ ގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ދެން ހައްޖުވުމުގެ ފުރުސަތު ލިބެނީ ފަސް އަހަރު ފަހުންނެވެ. މިސްރު ފަދަ ގައުމުތަކުގައި އެ ފުރުސަތު އޮންނަނީ އުމުރުން އެއް ފަހަރު އެވެ.
ހައްޖުގެ ފަރުލަކީ ކުޅަދާނަކަން ލިބިގެންވާ މީހާ އުމުރުން އެއް ފަހަރު އަދާކުރަން އޮތް އަޅުކަމެކެވެ.