ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުގައި ހުރި އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް މިކަން އައިސްފައިވާއިރު، މިހާރު ފިޔަވަޅުނާޅުއްވާ މަޑުކުރައްވާ ސަބަބާއި ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.
ރައީސް ޔާމީން މިފަދަ ގޮތަކަށް ސުވާލު އަމާުޒުކުރެއްވީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި، މިހާރު ގައުމުގައި ސަރުކާރު ތެރެއިން ވައްކަމާ ކޮރަޕްޝަން އިންތިހާއަށް މައްޗަށް ގޮސްފައިވާތީ އެކަމަށް އަލި އަޅުވާލައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީން ވިދާޅުވީ، އާދިއްތަ ދުވަހު މީޑީއާ ގެންގޮސްގެން ރައީސް އޮފީސް ކުރިމަތީގައި ރައީސް މުއިއްޒު ރާވައިގެން ކުޅުއްވީ ޗަރުކޭސް ކަމަށާ ނަމަވެސް މިހާރު ސަރުކާރުން ޖަހަމުންދާ ޗައްކަރު އަދި ކުޅެމުންދާ ޗަރުކޭސް ރައްޔިތުންނަށް އެނގޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެންސްޕާ ހިޔާނާތަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެއްވެސް ވަޒީރަކަށް ވިޔަފާރީގެ އުސޫލަކުން ރައީސްގެ ހުއްދަ ނުނަގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، އެންސްޕާއާ ގުޅުން އޮތް ކަމަށް ބުނާ ޓީވީ ރަޖިސްޓްރީ ކޮށްފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރެއްގެ ނަމުގައި ކަމަށެވެ. އެހެންކަމުން މިކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ހަމަ އެހެންމެ މިހާރު އެންސްޕާގެ ވައްކަމުގެ ވާހަކަވެސް ސަމާލުކަމަށް އައިސްފައިވާއިރު އެކަން ވެސް ނުބަލާތީ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.
އަނެއްކާ ވެސް އިންޓެލިޖެންޓްލީ ލޮޖިކްލީ ދައްކާ ވާހަކައެއް. އެއްވެސް ވަޒީރަކަށް ވިޔަފާރީގެ އުސޫލަކުން އެއްވެސް ކަމެއް ނުކުރެވޭނެ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ނަގައިގެން ނޫނިއްޔާ. މުހައްމަދު މުސައިލަމާގެ ޓީވީ. މުހައްމަދު މުސައިލަމާގެ ޓީވީ އެއޮތީ ރަޖިސްޓްރީ ކޮށްފައި ރައީސް އޮފީހުގެ ވަރަށް ކައިރިން. ރައީސް އޮފީހުގެ މިނިސްޓަރަކު އޭނާގެ ނަމުގައި އެނގޭތޯ. ފުރަތަމަ ކަމަކީ އޭނާއަށް އެކަމެއް ނުކުރެވޭނެ މުއިއްޒަށް އެނގިގެން މުއިއްޒަށް ހުއްދަދީގެން ނޫނިއްޔާ އެނގޭތޯ. އެވަރު އޭނާ ބަލަންވާނެ. އޭނަ ހުއްދަ ނުނަގާ މިކަން ކޮށްފިއްޔާ މިހާރު ހަލީލު ހުންނަންޖެހޭނީ ގޭގައި. ނޭނގޭތާ އެބުނީ ތެދެއްތޯ. މިއީ ފުރަތަމަ ކަންތައް. ދެން މިހުރީ ސްޕޯކްސްޕާސަން، ސްޕޯކްސްވުމަން. މީނަ މިވަރު ކަމެއް ކުރިއިރު މުއިއްޒު މީނައާ ސުވާލެއްވެސް ކޮށްނުލާ. އެބުނީ ނޭނގޭއޭ. ނޭނގެއޭ ބުނިއިރު މިހާރު އެނގޭނެ ދެއްތޯ. ކީއްވެގެން ތޯ މީނަ ވަޒީފާގަ މިުރީ. ތިމަންނައާ ހަމައަށް މައްސަލަ ނާދެއޭ ބުނާއިރު މައްސަލަ ގެންދަން ކިހިނެއް ހަދަން ޖެހެނީ. މައްސަލަ ދުވެފަ މީނަ ކައިރިއަށް ދާން ޖެހެނީތޯ މިހުރީ ދެކޮޅު ނުޖެހޭ ވާހަކަ އިނގޭތޯ.
ރައީސް ޔާމީން ވިދާޅުވީ ހީނާ ވައްކަން ކޮށްދީފައިވަނީ ރައީސް މުއިއްޒަށް ކަމަށެވެ. އެގޮތުން ޓީވީ ސްޓޭޝަން ހުޅުވުމަށް އަގުބޮޑެތި ސާމާނު ހޯދައި، ބިން ކުއްޔަށް ހިފައި އެމަސައްކަތް ކޮށްފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ އެންސްޕާގެ މައްސަލަވެސް އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައި ނުވާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު އެންސްޕާއިން އެމްއެމްޓީވީ ހިންގާ އިމާރާތުން ދެ ފަންގިފިލާ ކުއްޔަށް ނަގާފައިވަނި ވެސް އުސޫލާ ޚިލާފަށް ބިޑުކޮށްގެންކަމާ އަދި އެމްއެމްޓީވީގެ ވެރިންނާ އެކު އެންސްޕާއިން އެއްބަސްވުން ހަދާ އެއް ފަހަރާ 34 މިލިއަން ރުފިޔާ ދެއްކިކަންވެސް ހާމަވާ ލިޔެކިޔުންތައް މުޅި މީސް މީޑިޔާގައި ދައުރުވަމުންދާއިރު އެ އެކްސް ޕޯޓުތަކުގައި އެތައް ބަޔަކު ރައީސް މުއިއްޒުގެ އެކްސް ހެންޑްލް ޓެގްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.