ރައީސް ޔާމީން / ތޭރަ އޮންލައިން
ހަބަރު, ސިޔާސީ
ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށްވުރެ، ރައްޔިތުން އެދޭ ކަމެއް ނެތް: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 ޑިސެމްބަރު 2024
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން އިސްތިއުފާ ދެއްވުމަށްވުރެ، ރައްޔިތުން ބޮޑަށް މިއަދު އެދޭނެ ކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޖަލްސާގައި ބައިވެރިވި އާންމު ޕީއެންއެފްގެ އާންމު މެންބަރަކު ސީދާ ރައީސް ޔާމީން އަށް ކުރެއްވި ސުވާލަކަށް ޖަބާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނާއި ދެމެދު އޮންނަނީ ވަރަށް އިހުތިރާމް ލިބިގެންވާ ގުޅުމެއް ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައްޔިތުންނަށް ކަންކަން ކޮށްނުދެވޭނަމަ އަމިއްލަ އަށް އިސްތިއުފާ ދީފައި ދުރަށް ވަޑައިގަތުމުގެ އަބުރުވެރިކަން ގައުމުތަކުގެ ވެރިންގެ ކިބައިގައި ހުންނަ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައެއްގައި ތުހުމަތުވެ، ޖަވާބުދާރީނުވެވިއްޖެނަމަ ހަމަޖެހޭ ގައުމުތަކުގައި ވެސް ކަންކުރާ އުސޫލަކީ މަގާމުތަކުން އެ ބޭފުޅުން ދުރަށް ޖެހިވަޑައިގަތުން ކަމަށް ވިދާޅުވެފަ އެވެ.

ސުލޫކީ މިންގަނޑަށް ބަލާކަމަށްވާނަމަ، އަމިއްލަފުޅަށް ތިމަންނައަކަށް މިކަމެއް ނުވިއޭ ވިދާޅުވެފައި ދުރުވެވަޑައިގަތުމަކީ، މުއިއްޒުގެ އިހުތިޔާރުގައި އޮތް ކަމެއް. މިހާރު ދިވެހި ރައްޔިތުން އެއަށް ވުރެ ބޮޑަށް އެދޭ ކަމެއް އޮންނާނެހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ،

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ މުއިއްޒުގެ ކިބައިން ފެންނަނީ ހަރުކަށިކަމާއި ގޮތް ދޫ ނުކުރުން ކަމަށާއި ކަންކަމުގައި ތަޖުރިބާ ހުރި މީހުންގެ ބަސް ނުހޯދާ ރައީސް މުއިއްޒު އަށް ވިސްނިވަޑައިގަންނަވާ ގޮތަށް އެކަނި ކަންކަން ކުރުމަކީ ގައުމުގެ ކަންކަން ގޯސްކޮށް ދާ އެއް ސަބަބު ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތު ކުރެވިފައި ހުރި އެތަކެއް މައްސަލަތަކެއް މިހާރުވެސް އޭސީސީގައި އެބައޮތް ކަމަށާއި އެއިން މައްސަލައެއް ބެލުމުގެ ފުރުސަތު ނުދެއްވުމުގެ އިތުރަށް އޭގެއިން މައްސަލައަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް މުއިއްޒުގެ އަރިހުގައި ބޮޑެތި ވަގުންގެ ގޮތުގައި ސިފަވެގެންދިޔަ މީހުން ކުރި ވައްކަމުގެ ޒިންމާ ވެސް އުފުލަންޖެހޭނީ ސީދާ އެމަނިކުފާނު ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވިއިރު، ރައީސް މުއިއްޒުގެ ސަރުކާރުގެ ވެރިންނަށް ވައްކަމާއި ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަންނަނީ ކުރަމުން ނެވެ. އެގޮތުން އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް) ތެރެއިން ހިންގި ވައްކަމަކާއި އެޗްޑީސީގެ ތެރެއިން "ވަގަށް ގޯތި" ވިއްކި ކަމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތި ވެފައެވެ.

މި މައްސަލަތައް ފެންމަތިވީ ކޮރަޕްޝަންގެ ކަންކަން ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved