
ސަރުކާރުން ރައްޔިތުންނަށް ކަންކަން އޮޅުވާލަން ކުރަމުންދާ މަސައްކަތާ ގުޅިގެން، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އިސް ސަފުގައި މަސައްކަތްކުރާ މުހައްމަދު އަހުމަދު ވަހީދު (ވައްޑެ)ގެ ފާޑުކިޔުން ރައީސް މުހައްމަދު މުއިއްޒަށާ ސަރުކާރަށް އަމާޒުކޮށްފިއެވެ.
ވައްޑެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މިހާރު ސަރުކާރުން ކޮރަޕްޝަނަށް ދެނީ ޒީރޯ ޓޮަލަރެންސްކަން ދެއްކުމަށް ކުރަމުންދާ ކަންކަމަށް ފާޑުކިޔާފައެވެ.
އެގޮތުން އާރުޑީސީގެ ތެރެއިން ނިމިދިޔަ ސަރުކާރުގައި ހިންގާފައިވާ ބޮޑު ވައްކަމެއްގެ މައްސަލަ ބަލާތާ އަހަރެއް ފަހުން ފުލުހުން ރޭ، އެ ކުންފުނީގެ ކުރީގެ އެމްޑީ މުސާ އަލި މަނިކާ އަދި އެކުންފުނީގެ ކުރީގެ ސީއެފްއޯ ޔާސިރުއާ ގުޅުން ހުރި ދެ ތަނެއް ބަލާ ފާސްކޮށް އިލެކްޓްރޯނިކު ސާމާނުތަކެއް ގެންދިޔުމުން ވައްޑެ ވަނީ އެކަމާ މެދު އެތައް ސުވާލެއް އަމާުޒުކޮށްފައެވެ.
އެގޮތުން ވައްޑެ ވިދާޅުވެފައިވަނީ އާރުޑީސީގެ ވައްކަމަކީ އިއްޔެއަކު މިއަދަކު ހިނގައިގެން އުޅޭކަމެއް ނޫން ކަމަށާ ރައީސް މުއިއްޒުގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވުމުން އެކަން މަތި ޖަހަން ޖަހަމުންދާ ސަކަރާތް ވަރަށް ސާފުކޮށް އެންމެންނަށް އެނގޭ ކަމަށެވެ. އަދި އާރުޑީސީ ވައްކަމުގެ އެ މައްސަލައަކީ ހެޔޮ ނިޔަތުގައި ބަލާ ކޮރަޕްޝަންގެ މައްސަލައެއް ނަމަ ސަރުކާރަށް އެއް އަހަރު ވަންދެން، އެ ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ގެތައް ބަލާ ފާސްނުކޮށް މަޑު ކުރީ ކީއްވެ ކަމާ މެދު ވައްޑެ ސުވާލު އުފައްދާފައިވެސް ވެއެވެ.
މީގެ އިތުރުން ހެކި ނައްތަން ވަގުތުދީ ދެން މިހާ ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ހިންޏަށް ހަކުރު އޮޅުވާހެން ދިވެހި ރައްޔިތުންނަށް އޮޅުވާލަންތޯ އައްސަވާވެސް ވައްޑެ ވަނީ ވަރުގަދަ ސުވާލެއް މި ސަރުކާރުގެ އިސް ފަޑިއަށް އަމާޒުކުރައްވާފައެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރަށް އަހަރެއް ވެގެން ދިޔައިރު ސަރުކާރު ތެރޭގައި ވައްކަމާ ކޮރަޕްޝަންގެ މޫތައް ވަރުގަދަވެ އެކަންކަން ރައްޔިތުންނާ ހަމައަށް ތިލަވެ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފަށާފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ވަނީ ކުރީ ސަރުކާރުގެ ވެރިންނަށް އަމާޒުކޮށް ތަފާތު މައްސަލަތައް ބަލާ އަދި ކުރިން ބަލަން ފަށާފައިހުރި މައްސަލަތައް އަވަސްކުރަމުންކަން ފާހަގަކޮށްލެވެއެވެ.










