ވެރިކަންކުރާ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މިއަދު ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ނެތް ކަމުގެ އިހުސާސް ކުރެވޭ ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވަނީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ގޭގެ އިތުރުން އޭނާގެ އަނބިމީހާ އާއި އާރުޑީސީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުގައި ހުރި ޔާސިރު ހަސަން ދިރިއުޅޭ ގެ ވެސް ބަލައި ފާސްކޮށްފަ އެވެ. އަދި މޫކޭއާއި ޔާސިރުގެ ފޯނާއި ސިމް ކާޑާއި، އިތުރު އިލެކްޓްރޯނިކް ސާމާނު ފުލުހުން ގެންދިޔަ އެވެ.
މާލޭގެ ބައެއް ގެތަކަށް "މެންދަމު" ދިވެހި ފުލުހުންގެ ހިދުމަތުން ވަނުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ މައިންނާއި ޅަދަރީން ރޭގަނޑު އަރާމުކުރާ ވަގުތު، ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރެއިޑްތައް ހިންގުމުން، އާއިލާތައް ވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ކަމަށެވެ.
މިފަދަ ހިތާމަވެރިކަންކަން، އަމިއްލައަށް ތަހައްމަލުކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ދަންނަވަން އޮތީ، ޤާނޫނު ތަންފީޒު ކުރައްވާ ފަރާތްތަކުގެ އަމަލުތަކުގައި ޕްރޮފެޝަނަލިޒަމް ދަމަހައްޓަވައި ދެއްވާށެވެ،
މިފަދަ ކަންކަން ހިނގާތަން ފެނުމަކީ ވަރަށް ބޮޑު މާޔޫސް ކަމެއް ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އިތުރަށް އާޒިމު ވިދާޅުވީ މާލެ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން މާލޭގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހުސާސް އިންތިހާއަށް ކުރެއްވޭ ވާހަކަ ހިތާމައާއެކު ހާމަކުރައްވާ ކަމަށެވެ.
ކޯޓު އަމުރު ހޯދައިގެން ދަންވަރު މީހުން ނިދާފަ ތިއްބާ "ނުރައްކާތެރި ހާއްސަ ހާލަތެއްނެތި" ހުރުމަތް ތެރި ވެގެންވާ މީހުންގެ ގެދޮރަށް ފުލުހުން ވަންނަންފެށި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ދުރާލާ ބަލަމުންދާ މައްސަލައެއްގައި މޫކޭ ދިރިއުޅޭގެ ހާއްސަކޮށް އޭނާގެ އަންހެނުންނާއި ދަރިން ދިރިއުޅޭ އެޕާންޓްމަންޓަށް "ދަންވަރު" ރެއިޑުކުރުމާ ގުޅިގެން ގިނަބަޔަކު އަންނަނީ އެއީ ނުރައްކާތެރި ފެށުމެއް އަދި ހުތުރު އަމަލެއްގެ ގޮތުގައި ސިފަކޮށް ފުލުހުންގެ އެންމެ މަތީ ވެރިޔާ ޑރ. މުއިއްޒު އާއި ފުލުހުންގެ އިސް ވެރިން މި އަށްވުރެ ޒިންމާދާރުވުމަށް ގޮވާލަމުން ނެވެ.