April 17, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ގައުމުގައި ކުއްލިއަކަށް ހިނގައިގެން މިއުޅެނީ އާދައިގެ އިއްތިފާގުތަކެއް ނޫން: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 29, 2024, 12:51 AM
މާލެ ސިޓީ

ގައުމުގައި ކުއްލިއަކަށް ހިނގައިގެން މިއުޅެނީ އާދައިގެ އިއްތިފާގުތަކެއް ނޫން ފާހަގަކުރައްވާ ކުރިގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Advertisement

ޑރ ޖަމީލު ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ދާދި ފަހުން ގައުމުގައި ބޮޑެތި ކަންތައްތަކެއް ހިނގާ ދިޔައިރު އެކަންކަމާ މެދު ސަރުކާރުން އަމަލުކުރި ގޮތްތަކަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ ޖަމީލުވަނީ ގައުމުގައި ތިލަވެގެން އުޅޭ އެކި އެކި ކޮރަޕްޝަންގެ މައްސަތަކާ ހައުސިން މިނިސްޓްރީ ކުރިން ހުރި އިމާރާތުގައި ރޯވި ބޮޑު އަލިފާނާ މަޖިލީހުގެ ގިނަ މެމްބަރުންތަކަކަށް އުސޫލުން ބޭރުން ގަންނަން ދޫކުރި ކަމަށް ބުނާ ބިންތަކުގެ މައްސަލަ ފަދަ ކަންކަމަކީ އިއްތިފާގަކަށް ނުވާނެ ކަން ދޭހަވާފަދަ މޭރުމަކުން ލިޔުއްވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ، ރައްޔިތުންގެ ބިމާއި ގެދޮރުން ކުރި ވައްކަމަކީ ދިވެހި ތާރީޚުގައި ނުފެންނަ ވަރުގެ އެ ބާވަތުގެ ޖަރީމާއެއް ނަމަވެސް އަދިވެސް ތަޙްގީގުން އެ ބިންތަކާއި ފްލެޓްތައް ހިފެހެއްޓުމުގެ އަމުރު ނުހޯދަނީ ކީއްވެގެންކަމާ މެދު ސުވާލުއުފައްދަވާފައެވެ.

މީގެ އިތުރުން ހިނގައިގެން މިއުޅެނީ އާދައިގެ އިއްތިފާގެއް ނޫންކަމަށް ވިދާޅުވެ ޑރ. ޖަމީލު ވަނީ ކުއްލިއަކަށް ހިނގާދިޔަ ބޮޑު އަލިފާނުގެ ޙާދިސާއާ ކުއްލިއަކަށް ފެންމަތިވި އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްގެ މައްސަލައާ ޕީއެންސީގެ ބޮޑުންގެ ގޮތުގައި ތިބި ބައެއް މަޖިލިސް މެމްބަރުން ކަމަށްވާ، އިބްރާހިމު ޝުޖާޢު، އިބްރާހިމު ފަލާޙު، އަހުމަދު ޠާރިގު (ޓޮމް)، އަދި ޚަލީލުމެން ބިމުން ކުރި މާސިންގާ ވައްކަންވެސް އެއީ އިއްތިފާގަކަށް ނުވާނެކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ ހައުސިން މިނިސްޓްރީ ހުރި އިމާރާތުގައި ކުއްލިއަކަށް އަލިފާނުގެ ހާދިސާއެއް ހިނގާ، އޭގެ ސަބަބުން ރައީސް މުހައްމަދު މުއިއްޒުއާ ގުޅުންހުރިކަމަށް ޝައްކު ކުރެވޭ ޒަމާންވީ ކޮރަޕްޝަންގެ ހެކިތައް ނެތިގެން ދިއުމާ ހައުސިން މިނިސްޓްރީ ކުއްލިއަކަަށް އުވާލާ މަސައްކަތް އެހެން ވުޒާރާއަކާ އެއްކޮލުމާ ނަމެއްގައި ގެނައި ބޭރުގެ ތަޙްގީގު ޓީމާއި ފުލުހުން ގަނޑުބަޑު ކުރިކަމަށް ތުހުމަތުކުރެވޭ ތަޙްގީގަކީ ވެސް އިއްތިފާގެއް ކަމާ މެދު ސުވާލު އުފައްދަވާފައި ޑރ ޖަމީލުވެއެވެ.

ޑރ ޖަމީލު ޕޯސްޓު ނިންމާލައްވާފައިވަނީ ދާޚިލީ ވަޒީރު އަލީ އިޙްސާނަށް ކަންކުރަން އެނގޭނެކަމާ ނަމަވެސް ރައީސް މުއިއްޒާ ގުޅުންހުރި ޖަރީމާތައް އިހުސާން ފޮރުވާނެކަން ޔަގީން ކަމަށް ވިދާޅުވަމުންނެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ގިނަ ރައްޔިތުންވެސް ގެންދަނީ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތަށް ފާޑުކިޔާ ސަރުކާރާ މެދު މިހާރު އިތުބަރު ގެއްލިއްޖެ ކަމަށް ބުނަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved