އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ / ސޯޝަލް މީޑިއާ
ދުނިޔެ
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ އަވަހާރަވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 ޑިސެމްބަރު 2024
މާލެ ސިޓީ

އެމެރިކާގެ ކުރީގެ ރައީސް އަދި ނޮބެލް އިނާމު ހާސިލުކުރައްވާފައިވާ ޖިމީ ކާޓާ އުމުރުފުޅުން 100 އަހަރުގައި އިއްޔެ އަވަހާރަވެއްޖެ އެވެ.

ކާޓާ ސެންޓަރުން ބުނީ ކާޓާ ނިޔާވީ އެމެރިކާގެ ޖޯޖިއާގެ ޕްލެއިންސްގެ ގެކޮޅުގައި ހުންނަވަނިކޮށެވެ. ނަމަވެސް އޭނާގެ މަރާ ގުޅޭ އެއްވެސް ތަފްސީލެއް ކާޓާ ސެންޓަރުން ހާމައެއް ނުކުރެ އެވެ.

ކާޓާ އަވަހާރަވިއިރު، އެމަނިކުފާނުގެ ބޭފުޅުން ކަމަށްވާ ޖެކް، ޗިޕް، ޖެފް އަދި އެމީ އާއި 11 ކާފަ ކިޔާ ބޭފުޅުންނާއި 14 މުނި ކާފަ ކިޔާ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ޑިމޮކްރެޓް ޕާޓީގެ މެމްބަރެއް ކަމަށްވާ ކާޓާ އެމެރިކާގެ 39 ވަނަ ރައީސް ކަމަށް ވެވަޑައިގަތީ 1976 ވަނަ އަހަރު ކުރީގެ ރައީސް ޖެރަލްޑް ފޯޑް ބަލިކުރައްވާފަ އެވެ.

ކާޓާ ވެރިކަން ކުރެއްވި ދައުރުގައި އިންސާނީ ހައްގުތަކާއި އިޖުތިމާއީ އަދުލު އިންސާފު ގާއިމުކުރުމަށް ބޮޑު އިސްކަމެއް ދެއްވި އެވެ. ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކާޓާ ވަނީ ސަހްޔޫނީންނާއި މިސްރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރައްވައިފަ އެވެ.

ރައީސްކަމުގެ ދައުރަށްފަހު، ކާޓާ އިންސާނިއްޔަތަށް ކުރެއްވި މަސައްކަތްޕުޅުތަކަށް 2002 ވަނަ އަހަރު ނޯބަލް ސުލްޙައިގެ އިނާމު ލިބިވަޑައިގަތެވެ.

ކާޓާ ނިޔާވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

ޖޯޖް އެޗްޑަބްލިއު ބުޝް 2018ގައި އަވަހާރަވި ފަހުން ކާޓާ އަކީ އެމެރިކާގެ އެންމެ ދުވަސްވީ ރައީސެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved